03 Feb 2018, 23:00
ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވަކި ވަކި ނިންމުންތައް ނިންމައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަން ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ގާނޫނީ އަދި ޝަރުއީ ކަންކަމުގެ ތަފްސީލުތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
"އަދި އެކަންކަމާ ގުޅިގެން ވަކި ވަކި ނިންމެވުންތަކެއް ކަނޑައަޅުއްވައިދެއްވުން އެދި މި އޮފީހުން ވަނީ އެ ކޯޓުގައި އެދިފައެވެ،" ޕީޖީ އޮފީހުން ނެރުނު ކުރު ބަޔާނުގައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރުމަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ "ޖިނާއީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން ނުވަ ބޭފުޅުންނާ ގުޅޭ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނާއެއްގޮތްވާގޮތުގެމަތިން ބެލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަންކުރުމަށް ވަނީ އަމުރުކޮށްފައެވެ.