03 Feb 2018, 21:12
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މިއަދު އިއުލާން ކުރައްވައިފިއެވެ.
މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ހޮވުމަށް ޕީޕީއެމުން ކެމްޕެއިން ކުރާތާ މަސްތަކެއް ވެއްޖެއެވެ.
ނަމަވެސް ރަސްމީކޮށް އެކަން ރައީސް އިއުލާން ކުރެއްވީ ޕީޕީއެމްގެ މައި ކެމްޕެއިން އޮފީހުގެ ބޭރުގައި އެޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ސުޕްރީމް ކޯޓުން ހުކުރުވިލޭރޭ އިއްވި އަމުރަށްފަހު ރައީސް އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
"މިހާރު މިދިމާވި ކަންތައްތަކާ އެކީ ބިސްމި ކިޔާފަ މިއަދު މިއީ އަޅުގަނޑުގެ ކެމްޕެއިން ފެށި ދުވަސް ކަމަށް،" ރިޔާސީ ކެމްޕެއިން ރަސްމީކޮށް އިއުލާން ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ބަލިކުރަން ބޭނުންނަމަ އިންތިހާބަށް ވަޑައިގަތުމަށް އެދިވަޑައިގަތް ރައީސް ވަނީ އެމަނިކުފާނުގެ ފޮޓޯ ޖަހާފައިވާ ދިދަ އާއި ގައުމީ ދިދަ ވިހުރުމަށް އެދިވަޑައިގަތް އިދިކޮޅު ލީޑަރުންގެ ފޮޓޯގައި ނޯ ޖެހުމަށްފަހު ވިހުރުމަށް ގޮވާލައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދު ސަރުކާރަށް ދިމާވާ ހުރަސްތަކަކީ އިދިކޮޅުގައި ތިބި ވަކި ބަޔަކަށް ސަރުކާރުން ކުރާ ކަންތައްތައް ހަޖަމް ނުވެގެން އަންނަ ކައްތައްތަކެއް ކަމަށެވެ. އަދި މީގެ ކުރިން ހިނގައި ދިޔަ އެތައް ކަމަކާއި އެމަނިކުފާނު ކުރިމަތިލައްވާފައިވާ ކަމަށާއި އެފަދަ ކޮންމެ ކަމެއް ހިނގައިދިޔަ ގޮތްވެސް ތަހުލީލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"މިކަން މިއައީ ކިހިނެތްތޯވެސް އަޅުގަނޑު ޗެކް ކުރާނަން. މިކަންތައްތައް އައީ ކިހިނެތްތޯ ދެނެގަންނާނަން އަދި އެކަން އެހެންވީމަ، ބަލާނަން ކަތި މިސްރާބަކަށް ދިޔަކަމަށްވާނަމަ ނުވަތަ ނުބައިފިޔަވަޅެއް އެޅޭ ކަމަށްވާނަމަ އެ އަމަލު ފުރަތަމަ ރަނގަޅު ކުރަން ބޭނުންވާ ބަޔަކީ ސަރުކާރު،" ރައީސް ވިދާޅުވިއެވެ.
މި ޒައާމަތު ފެށިގެންއައީ ވަރަށް ދަތި އުނދަގޫ ކަންތައްތަކަކާ އެކީގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަށްވުރެ އުނދަގޫ ފަސް އަހަރުގެ ޒައާމަތެއް ދިވެހި ތާރީހުގައި ދުށް ޒަމާނެއް ފެންނާކަށެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިއްޖެ އެތައް ދަތި ކަންތައްތަކެއް. އެންމެ ކައިރިން، ޕާޓީގެ ތެރެއިން، ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ތެރެއިން. މުއައްސާތަކުގެ ތެރެއިން އަދި މިނޫންވެސް އެހެން ދާއިރާތަކުގެ ތެރެއިން ފެނިއްޖެ. އަޅުގަނޑުމެންނަށް ދަތި ކަންތައްތައް ނުފެންނަނީ ރައްޔިތުންގެ ކަންކަން ނިންމަންތިބި ރައްޔިތުންގެ ފަރާތުން،" ރައީސް ވިދާޅުވިއެވެ.