03 Feb 2018, 20:27
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ހައްލުކުރުމަށް މިވަގުތު އދ. އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ދިވެހިރާއްޖެއަށް ބޭނުންވެފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ ގޮތުގައި މިހާރު ހުންނެވި ދުންޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތުން އެމަނިކުފާނުގެ ތަރުޖަމާނު ކުރައްވާފައިވާ ޓްވީޓެއް ކޯޓުކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ދުންޔާ ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތު ނުވަތަ ޑެޑްލޮކުން އަރައިގަނެ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އދ. އާއި ބޭރުގެ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށެވެ.
"މިކަމަށް ރައީސް ޔާމީންވެސް ވަނީ އެދިވަޑައިގެންފައި،" ދުންޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަވާ އދ. ގެ މަންދޫބު ޝޯކޯ ނޯޑާވެސް ޓެގް ކުރައްވައި، ދުންޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާރު ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ހާލަތު ބަދަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިދިޔަ ބުރަސްފަތި ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖަލުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ފަރާތެއް ޖަލުން މިނިވަން ކުރުމަށް އަމުރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހިމެނެއެވެ.
ސަރުކާރުގެ އިދާރާތަކުން ބުނަމުން ދަނީ އަމުރު ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ އަމުރު ތަންފީޒުކޮށްފައި ނުވެއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވަނީ، ކޯޓުގެ އަމުރަށް އިހުތިރާމުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.
އަދި ހިނގަމުންދާ ކަންކަމަށް ހައްލެއް ހޯދުމަށް ޕާޓީތަކުން މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަން ކުރުމަށް އދއިން އެހީވުމަށް ތައްޔާރަށް ހުރިކަމަށްވެސް އދއިން ބުންޏެވެ.
އދގެ އިތުރުން އިންޑިއާ، ސްރީލަންކާ، އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ސަރުކާރުތަކުގެ އިތުރުން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުންވެސް ވަނީ ރާއްޖޭގެ ހާލަތު ވަރަށް ގަތުން ބަލަމުންދާ ކަމަށް ބުނެ، ބަޔާން ނެރެފައެވެ.