18 Aug 2011, 16:05
ޖުމްލަ ހަ ޓީމްގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަމަޟާން ބީޗް ނެޓްބޯލް ޓޯނަމަންޓް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
ނެޓްބޯލް އެސޯޝިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ނަބީލް ބުނީ، ޔޫތު ސެންޓަރުގެ އައުޓް ޑޯ ކޯޓްގައި މާދަމާ މުބާރާތް ފަށާއިރު، މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަޓީމަކުން ކަމަށެވެ. އެގޮތުން އެ ހަ ޓީމަކީ ނިއު ވެލޯޒިޔާ ޒޫނިޔާ، ޓެކްރޮސީނިޔާ، އިމްގްރޭޝަން، ޓެކްރޮސް ޖޫނިޔާ، ނިއު ވެލޯޒިޔާ، އަދި ފިއޮންޓީ އެވެ.
ނަބީލް ބުނީ، މާދަމާ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ނިއު ވެލޯޒިޔާ ޖޫނިޔާ ޓީމާއި، ޓެކްރޮސް ސީނިޔާ ޓީމެވެ.
"މާދަމާ ހުރީހާ ޓީމެއް ކުޅޭނެ. މިއީ އަދި މިހާތަނަށް އަލަށް ބާއްވާ މުބާރާތެއް. މިމުބާރާތުގެ މެޗްތައް ކުޅޭނީ 15 މިނެޓްގެ ދެހާފާ އެކު." ނަބީލް ބުންޏެވެ.
ނަބީލް ބުނީ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ހަތަރު ޓީމް ކަމަށެވެ. އެއީ ގްރޫޕް އޭ ފަޅިން އެންމެ މޮޅު ދެ ޓީމާއި ބީ ފަޅީގެ އެންމެ މޮޅު ދެޓީމެވެ.
ސެމީފައިނަލްގެ މެޗްތައް އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަދި ސެމީފައިނަލްގެ ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫގް ބީގެ އެއް ވަނަ ޓީމާއެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 10:00 ގައެވެ.