03 Feb 2018, 18:23
ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ބާއްވާގޮތަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ނިންމައިފިއެވެ.
ދުނިޔޭގެ ކެންސަރު ދުވަހަކީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.
ސީއެސްއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކެންސަރު ދުވަހާ ގުޅިގެން މިއަދާއި މާދަމާ ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ހަވީރު 4-6 އަށް ރަސްރަނި ބަގީޗާގައި ހިންގާ ހަރަކާތުގައި "މޫމަންޓް ވިތު އާޓް"ގެ ނަމުގައި ކުލަޖައްސާ ފޮތެއް ނެރުމާއި އަދި ރާއްޖޭގެ ކެންސަރ ސަޕޯޓް ގްރޫޕަށް އަމާޒުކޮށް ހާއްސަ ވީޑިއޯއެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ސީއެސްއެމް އިން ބުންޏެވެ.
މިއަދުގެ ހަރާކާތުގައި ކެންސަރާ ދެކޮޅަށް ހަރާކާތްތެރިވުމަށް ވައުދުވެ، " ސައިންސް ފޯ ޗޭންޖް"ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފެށުމާއި އަދި ކެންސަރާ ދެކޮޅަށް ހޭލުންތަރެިކަން އިތުރުކުމުގެ ގޮތުން ތަފާތު އެއްޗެތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސީއެސްއެމް އިން ބުންޏެވެ.
ސީއެސްއެމް އިން ބުނީ މާދަމާ ސްކޫލްތަކާއި ސަރުކާރުގެ އިދާރާ އަދި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ރަނގަޅު ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމާއި ނުރަނގަޅު އާދަތަކުން ދުރުވެ ސިއްހަތަށް ފައިދާހުރި ކަންތައްތައް ކުރުމަށް ބާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރު ސީއެސްއެމް އިން ރާއްޖޭގައި ކެންސަރު ދުވަސް ފާހަގަކުރާއިރު، މިއީ ރާއްޖޭގެ ކެންސާ ސަޕޯޓް ގްރޫޕްގެ ދެވަނަ އަހަރީ ދުވަހެވެ.
ސީއެސްއެމް އިން ބުނީ ކެންސަރު ދެނެގަނެފައި ވޭތޯ ބެލުމަށް ސްކްރީން ކުރުމުގެ ފުރުސަތު މިމަހުގެ 15- 17 އަށް މ. ދިއްގަރުގައި ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދާނި ބެންކް އޮފް މޯލްޑިވްސް އާ ގުޅިގެން ކަމަށް ސީއެސްއެމް އިން ބުންޏެވެ.