ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި އޭޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ސީދާ ދައުރެއް ނޯންނާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަން ފުރިހަމަކުރަމުންދާ ކަމަށް އޭޖީ އަދި ޕީޖީން ވަނީ ބުނެފައެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމުން "ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް" ލަފާ ދެއްވާފައިވާ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒްގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާ މެދު ހިޔާލު ތަފާތުވުމުގެ ޖާގަ އޮތް ނަމަވެސް ހުކުމަށް ތަބާވުން ލާޒިމުވާނެ ކަމަށެވެ.

"އަމުރު ތަންފީޒު ކުރުމުގައި އޭޖީ، ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ. އަމަލު ތަންފީޒު ކުރުމުގައި އަމަލުކުރަން ޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގައި ވާގޮތަށް އަމަލު ކުރުން،" ފާއިޒު ވިދާޅުވިއެވެ.

ގާނުނާ ހަވާލާދީ ފާއިޒު ވިދާޅުވީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުންވެސް ތަބާވުން ލާޒިމު ނިންމުންތަކެއް ކަމަށެވެ.