ރާއްޖޭގެ ހުރިހާ ޒުވާނުން ތިބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ އެކު ކަމަށާއި އިދިކޮޅު ފަރާތްތަކުން ހިންގާ ކަންކަމުގެ އަޑީގައި ވަނީ ނުބައި ކަންތައްތަކެއް ކަމަށް ޕީޕީއެމް ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޔޫސުފް ވިދާޅުވީ، ޒުވާނުންތަކެއް ނެރެ ސަރުކާރަށް ޖެއްސުން ކުރަން ހިންގާ ހަރާކާތްތަކުގައި ޒުވާނުން ބައިވެރިނުވުމަށް ގޮވާލާ ކަމަށެވެ.

"ޒުވާނުންގެ ތަރައްގީއަށް، އަތޮޅުތެރޭގައި ކުރެވޭ ކަންކަން ފަނޑުކޮށްލުމަށް މާލެ އައުމަށް ގޮވާލި ނަމަވެސް މި ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޒުވާނުންނަށް ގޮވާލަން،" އިބްރާހިމް ޔޫސުފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ވަނީ ޒުވާނުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައި ކަމަށާއި ގައުމު ހަމަ މަގަށް އެޅުވުމުގެ އެންމެ އިސް ވާޖިބެއް އެޅިފައިވަނީ ޒުވާނުންގެ ބޮލުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވީ ރައީސް ޔާމީން ޒުވާނުންގެ ވައުދުތައް ފުއްދަމުން ދާތީ އަތޮޅުތެރޭގައި ތިބި ޒުވާނުން ތިބީ ހިތްހަމަ ޖެހިފައި ކަމަށާއި މީގެ ކުރީގެ ސަރުކާރުތަކުން އަދި އެމްޔޫއޯއިން ވެސް ޒުވާނުންނަށް އެއްވެސް ކަމެއް ކޮށްދީފައެއް ނުވާނެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ޒުވާނުން ބޭނުން ކުރަނީ ކުޑަ ގޮޅިއަށް ގެންދާ ކަހަލަ ކަންކަމުގައި. ރައީސް ޔާމީން ޒުވާނުން ބޭނުން ކުރަނީ ބިނާކުރަނިވި ކަންކަމުގައި،" ނާއިފް ވިދާޅުވިއެވެ.

ޕީޕީއެމް ޒުވާނުންގެ ގޮފީގެ މެމްބަރު އިނާ ވިދާޅުވީ ބަޔަކު މީހުން މަގުމައްޗަށް ނިކުމެ ހަޅޭއް ލެވިޔަސް އެގޮތް ޕީޕީއެމް ބޭނުމެއް ނޫން ކަމަށާއި އަންހެން ކަނބަލުން ތިބީ ރައީސް ޔާމީނާއެކު ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކުންނާއި އެހެން ގޮތްގޮތުން ވެސް މި ސަރުކާރުން ކަނބަލުންނަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދީފައިވޭ. އެހެންވީމަ އަންހެނުން ބޭނުމެއް ނުވޭ މަގުމައްޗަށް ނިކުންނާކަށް،" އީނާ ވިދާޅުވިއެވެ.

"މުޒާހަރާތަކުގެ އިސްސަފަށް އަންހެނުން ނެރެ އަންހެނުންގެ ކަރާމާތަށް އުނިކަން ގެންނާކަށް ބޭނުމެއް ނުވޭ. އެފަދަ ދަށުދަރަޖައިގެ އަހުލާގަކަށް އެއްބާރުލުން ދޭކަށް ބޭނުމެއް ނުވޭ."

މި ޖަލްސާގައި ބައިވެރިވި ޒުވާނުން ވަނީ އެ މީހުންގެ ޝުއޫރު ފާޅުކޮށްފައެވެ. އަދި އެ މީހުން ވެސް ތިބީ ރައީސް ޔާމީނާއެކު ސާބިތުވެ ކަމަށް ވަނީ ބުނެފައެވެ.