ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީގެ ނަމުގައި ހުޅުމާލެ އިން ބައްލަވައިގެންފައިވާ 1539 އަކަފޫޓް ބިމަށް ޑައުންޕޭމަންޓްގެ ގޮތުގައި އެއްފަހަރާ އެއްމިލިއަން ރުފިޔާ ދެއްކެވި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައި ހުންނެވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެން ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑްގައި މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ރައްޔިތަކަށް ވެސް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ ބީލަމުން 4.6 މިލިއަން ރުފިޔާ އަށް ގަތް ގޯތި އަމިއްލަ މުދަލަކަށް ވާނީ މަހުން މަހަށް ބާކީ ފައިސާ ދައްކައި ޚަލާސް ކުރާ ގޮތަށް ފަސް އަހަރު ފަހުން ކަމަށެވެ.

އަދި ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުން ކޮށްފައިވާ ބިޑުތަކެއްގެ ވާހަކަ ފުރޮޅާލައި ނޫސްވެރިން ޒާތީ ގޮތުން އަލީ ވަހީދު ބަދުނާމުވާ ގޮތަށް ލިޔަމުންދާ ކަމަށް ބުނެ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ "ޒާތީ ގޮތުން އަޅުގަނޑު ބަދުނާމުކޮށް އަޅުގަނޑު ކުރާ ހޭދައަކީ ރިޝްވަތު ކަމުގައި ރައްޔިތުން ކުރިމަތީ ދެއްކުމުގެ ނިޔަތުގައި" ލިއެފައިވާ ލިއުންތަކެއް ކަމަށެވެ.

އަލީ ވަހީދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ އަކީ ފިލާހުރެ މުޢާމަލާތް ކުރާ މީހެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ބިންވެރިކޮށް ރިއަލްސްޓޭޓް ވިޔަފާރި ކުރަމުންގެންދާނެ ކަމަށެވެ. އަދި ކައިރި މުސްތަގްބަލެއްގައި މާލެ އިން ވެސް ރިއަލްސްޓޭޓް ބިމެއްގެ ވިޔަފާރި ކުރެވެތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާގެ ބަޔާނުގައި ބުނެފައި ވަނީ ވިޔަފާރި ކުރުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށާއި އަލީ ވަހީދަށް ތާއީދު ކުރާ މީހުންނާއި އަލީ ވަހީދުގެ ބުރޭންޑަށް އިންވެސްޓް ކުރަން ތިބި މީހުން ވެސް މިއަދު ރާއްޖޭގައި މަދު ނޫން ކަމަށެވެ.

އެޗްޑީސީގެ ވެބްސައިޓްގައިވާ ގޮތުން އަލީ ވަހީދު ގަތް ބިމުގެ އިތުރަށް އޭނާގެ އަނބިކަނބަލުން ހ. ތަންބިއާގެ އައިޝަތު ލީޝާ ވެސް ވަނީ 1572.775 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 3020ރ. ގެ ރޭޓުން ގަނެފަ އެވެ.
ނަމަވެސް އަލީ ވަހީދު މިއަދު ނެރުއްވި ބަޔާނުގައި އަނބިކަނބަލުން ބައްލަވައިގަތް ގޯތީގެ ވާހަކައާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އަލީ ވަހީދުގެ ދެކަނބަނލުން ހުޅުމާލެ އިން ދެ ގޯއްޗެއް ބައްލަވައިގެންފައި ވަނީ އޭނާ ޑީއާރްޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެތައް މިލިއަށް ރުފިޔާއެއް ދީގެން ކަމަށް ބުނެ، އަޑު ފެތުރިފައި ދަނޑިވަޅެއްގަ އެވެ. އަދި އަލީ ވަހީދުގެ އިތުރުން އެހެނިހެން ފަރާތްތައް އެމްޑީޕީ އަށް ސޮއިކުރުމުގައި ރިޝްވަތުގެ ކަންތައްތައް ހިގައިފައިވޭތޯ ބެލުމަށް އުމަރު ނަސީރު އެންޓިކޮރަޕްޝަނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.