ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭސް ގޮވާލައްވައިފިއެވެ.

ގުތަރޭސްގެ ތަރުޖަމާނު މިއަދު ނެރުއްވި ބަޔާނެއްގައި، ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި އަދި ގޮނޑިނުގެއްލޭ ކަމަށް ކަނޑައެޅި މެމްބަރުންގެ މަގާމު އަލުން ރުޖޫއަކޮށްދިނުމަށް ވަނީ ގޮވައިލައިފައެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ ފަރާތެއް ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

އދގެ ހައި ކޮމިޝަން ފޯރ ހިއުމަން ރައިޓްސްގެ އޮފީހުގެ ތަރުޖަމާނު ރޫޕަޓް ކޮލްވިލް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްރަހާ މެދު އެ އޮފީހުން ކަންބޮޑުވުން ފާޅުކުރަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި، އިއްޔެ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ އެއްގޮތަށް މިހާރުން މިހާރަށް ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ އިރު، އެ އަމުރާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.