އެކެއް ދެމީހެއްގެ ހައްގު ހޯދަން އެހެން އެންމެންގެ ހައްގުތައް ނިގުޅައި ނުގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ޕީއެސްއެމްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، އެކެއް ދެމީހެއްގެ ހައްގު ހޯދަން އެހެން މީހުންގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށާއި އެގޮތަށް އެ ހައްގު ނިގުޅައި ގަންނަން ދައުލަތަކުން ފުރުސަތުވެސް ނުދޭނެ ކަމަށެވެ.

އަޒްލީން ވިދާޅުވީ، ސަރުކާރަކުން ގާނޫނާ ހިލާފު ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމިން ހުންނެވީ އެމަނިކުފާނުގެ ދީނީ، ގައުމީ، އަދި ދުސްތޫރީ ވާޖިބް އަދާކުރެއްވުމުގައި ސާބިތުކަންމަތީގައި ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

މަގުމަތި ހަލަނބޮލި ކުރަން ނިކުންނަ ނިކުތުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެއްވެ އުޅުމުގެ ހައްގު ހޯދަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.