03 Feb 2018, 18:34
ގައުމުގެ ހަމަޖެހުން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އެއްވެސް ކަމަކަށް ތަރުހީބެއް ނެތް ކަމަށް ދިވެހި ރައްޔިތުން ސާބިތު ކޮށްދީފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އެ ގެންދަވަނީ ރައްޔިތުން ހަވާލުކުރެއްވި ވާޖިބު އަދާކުރުންމަތީ ސާބިތުކަމާއެކު ކުރިއަށް ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންގެންދާ އެއްވެސް މަސައްކަތެއް ނުހުއްޓި ކުރިއަށް ދާނޭ ކަމަށެވެ.
"ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް. ސިޔާސީ ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް ޔާމީން ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެންމެ މުހިންމު ބަޔަކީ ދިވެހި ރައްޔިތުންކަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެޓާނީ ޖެނެރަލްއާއި ފޮރިން މިނިސްޓްރީން ވެސް އެދަނީ ކަންތައްތައް ކުރައްވަމުން ކަމަށާއި، މިފަދަ ކަންކަން ތަންފީޒު ކުރުމަށް އިޖުރާއަތްތަކެއް ހުންނާނެ ކަމަށެވެ.