03 Feb 2018, 14:32
އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ޑެޕިއުޓީ ކަމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކޮށް އޭނާއާ ފުލުހުންގެ އިދާރާ ހިންގަން ހަވާލުކޮށްފިއެވެ.
ނަވާޒް އަށް ޕްރޮމޯޝަން ދީފައިވަނީ މިއަދުއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ނަވާޒްއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލުކޮށްފައިވަނީ އޭނާ ޑީސީޕީއަކަށް ޕްރޮމޯޓް ކުރުމަށް ފަހުގައި ކަމަށެވެ.
ނަވާޒް މިހާތަނަށް ހުންނެވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
ފުލުހުންގެ ބައެއް މަގާމުތަކަށް ބަދަލުގެނެސްފައިވާއިރު މިއަދު ވަނީ އެ އިދާރާގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިއަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އައްޔަންކޮށްފައެވެ. ކުރިން އެ މަގާމުގައި ހުންނެވީ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު އަބްދުއްރަހުމާންއެވެ.
ނަވާޒްއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލުކޮށްފައިވަނީ ޑީސީޕީއަކަށް ހުރި ސައުދީ މަގާމުން ވަކިކުރުމަށް ފަހުއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ކަމިޝަނަރަކަށް ހުރި އަހްމަދު އަރީފްވަނީ މަގާމުން ވަކިކޮށްފައެވެ.