03 Feb 2018, 15:09
މޯލްޑިވްސް ރެޑް ކްރެސެންޓްގެ ހުޅުމާލޭގެ އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް ހުޅުވާލި ބިޑުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރެޑް ކްރެސެންޓުން މިދިޔަ ނޮވެމްބަރު މަހު ހުޅުވާލި ބިޑުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ، އެލްވިން އިންވެސްޓްމަންޓުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނީ އެ ބިޑަށް ކުރިމަތިލި އޮލްޓިޓިއުޑް ޕްރައިވެޓް ލިމިޓެޑާ ކްރިސްޓަލް އިނޮވޭޝަން ކުންފުންޏާ ދެމެދު ވަރަށް ބޮޑަށް ގުޅުން އޮންނަ ކަަމަށެވެ.
އެލްވިން އިން ބުނީ އެ ދެ ކުންފުނިން އެ ބީލަމުގައި ބައިވެރިވެފައިވަނީ ބިޑުގައި އެހެން ބަޔަކު ބައިވެރިނުވާނެ ކަމަށް ބަލައި، ބޮޑު އަގަކާއި ކުޑަ އަގެއް ޖަހައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ދެ ކުންފުނިން ބިޑަށް ހުށަހެޅި ސިޓީގެ ބޭރުގައި ލިޔެފައި ވަނީ އެއް ފަރާތަކުން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އަދި މިއީ ތަފަތު ނަންނަމުގައި އެއްބަޔަކު ބިޑުތައް ކާމިޔާބު ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށާއި އަދި މިއީ ބޮޑު ޖަރީމާއެއް ކަމަށްވެސް އެލްވިން އިން ބުންޏެވެ.
އެލްވިން އިން ބުނީ ބިޑު ހުށަހެޅި ދެ ކުންފުނިން ބީލަންތައް ހުށަހެޅީ ހީރަސް ނުވަތަ ބައިންޑް ވެސް ނުކޮށް ކަމަށާއި އަދި މިއީ ބީލަަމުގެ އުސޫލުތަކާ ހިލާފު ވެސް ކަމެއް ކަމަށެެވެ.
ބީލަންތަކުގެ ގަވައިދު ބުނާގޮތުން ބީލަމަށް ހުށަހަޅާ މުޅި ބީލަން އޮންނަން ޖެހޭނީ ހީރަސް ޖަހާ ނުވަތަ ރަނގަޅަށް ބައިންޑް ކުރެވިފައެވެ.
ބީލަންތައް ދެ ކުންފުނިން ހުށަހެޅިއިރު ކަރުދާސްތައް ހުރީ ޕޭޕާކްލިޕް ޖަހައިފައި ކަމަށްވެސް އެލްވިން އިން ބުންޏެވެ.
ރެޑްކްރެސެންޓުގެ ބީލަމަށް ކުރިމަތިލި އޮލްޓިޓިއުޑާއި އަދި ކްރިސްޓަލްގައި ސޮއި ކޮށްފައިވަނީ އެއް ފަރާތަކުން ކަމަށްވެސް އެލްވިން އިން ވަނީ ތުހުމަތުކޮށްފައެވެ.
އެލްވިން އިން ބުނީ ބީލަމުގައި މާކްސް ދޭއިރު އަގަށް 60 ޕަސެންޓް ދޭގޮތަށް ކަނޑައަޅައިފައިވަނީ ވެސް ވަކި ބަޔަކަށް ބިޑު ކާމިޔާބުކޮށްދިނުމުގެ ނިޔަތުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ބީލަމުގައި މައްސަލަ އުޅޭކަމަށް ބުނެ ރެޑްކްރެސެންޓްގެ ސަމާލުކަމަށް އެކަން ގެނައިކަމަށް އެލްވިން އިން ބުންޏެވެ. ނަމަވެސް މިހާތަނަށްވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އެލްވިން އިން ބުންޏެވެ.
ރެޑް ކްރެސެންޓުން މިދިޔަ ނޮވެމްބަރު މަހު ހުޅުވާލި ބިޑުގައި ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ދޭން ހުޅުވާލީ އެ ޖަމިއްޔާގެ ހުޅުމާލޭގައި ހުންނަ އޮފީސް އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާއެވެ.