18 Aug 2011, 15:34
ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިގެން، ކެބިނެޓްގެ ނިންމުމާ އެއްގޮތަށް ހަތް ރިސޯޓެއް ވިއްކާލައިގެން ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ފައިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވީ ކުއްޔާ އާއި ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު ހަމަވަވި އިރު، ފައިސާ ނުދައްކައި އޮތް ރަށްތަކަށް، ކުއްޔާއި ޖޫރިމަނާގެ 25 ޕަސެންޓް ދެއްކުމަށް ފުރަތަމަ 90 ދުވަހުގެ މުއްދަތެއް ދެއްވި ކަމަށާއި ވިއްކާލައިގެން ވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފައިނޭސް މިނިސްޓްރީ އަށް އެންގެވީ އެ 25 ޕަސެންޓް ފައިސާ ވެސް ނުދައްކި ރިސޯޓްތައް ކަމަށެވެ.
ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައި ވަނީ ކޮން ރިސޯޓްތަކުން ކަމެއް އަދި އެއީ ކޮން ފަރާތްތަކަށް ދޫކޮށްފައިވާ ރަށަތަކެއް ކަމެއް ޓޫރިޒަމް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓްރީއަކުން ވެސް ނުބުނެ އެވެ. ނަމަވެސް އެ މިނިސްޓްރީ އިން ބުނީ ހަތް ރިސޯޓަކުން މިދިޔަ މަހު 20 ގެ ނިޔަލަށް ކުލި އަދި ޖޫރިމަނާގެ ގޮތުގައި ނުދައްކައިވާ އަދަދު 12.4 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ހަތް ރިސޯޓާ ދޭތެރޭ ފިޔަވަޅު އެޅުމަށް ފައިނޭންސް މިނިސްޓްރީ އަށް އެންގެވީ، ދެއްވެން ހުރި ހުރިހާ ދޫތަކެއް ދެއްވުމަށް ފަހު ކަމަށެވެ.
ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވީ ކެބިނެޓްގެ ނިންމުން ތަންފީޒު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެ މިނިސްޓްރީ އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެ މައްސަލާގައި ކަންތައްތައް ކުރަންވީ ގޮތެއް ބައްލަވަމުން ގެންދަވާ ކަމަށެވެ.
އަދި ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ރިސޯޓްތައް ބަންދުކުރުން އަދި ވިއްކާލުން ނޫން ކަމަށާއި ނަމަވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް "ޓައިމްފްރޭމް"ތަކެއް ކަނޑައަޅައި އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.