ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ޓަކައި އުފެދިފައިވާ ސަރުކާރެއް ކަމަށާއި ރައީސް ޔާމީނާ އެކު މި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، މި ސަރުކާރު ވުޖޫދަށް އައިފަހުން މިހާރު ދިމާވަމުން މިދާކަހަލަ ހުތޫރަތްތެރި ވަގުތުތައް އައިސްފައިވާ ކަމަށާއި ރައީސް ޔާމީނަކީ ވިސްނުންތެރި ހިކުމަތްތެރި ބޭފުޅެއް ކަމަށެވެ.

މިހާރު ދިމާވެފައި މިވާ މައްސަލަ ވެސް ސާބިތުކަމާއި ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ރައީސް ޔާމިން ހައްލު ކުރައްވާނެ ކަމަށާއި ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މިހާރު ދިމާވެފައިވާ މައްސަލަ ކަމަށް މައުރޫފު އިޝާރާތް ކުރައްވާ މައްސަލައަކީ ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ބޭފުޅުންނާއި އަދި ތަހުގީގުގެ މަރުހަލާގައި ބަންދުކޮށްފައިވާ ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރި މައްސަލަ އެވެ.

ސަރުކާރާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން މިއަދު ބޭއްވި ފުރަތަމަ ޕްރެސްކޮންފަރެންސް ނިންމާލައިފައިވާ އިރު ކޯލިޝަނުން ރޭ ބުނެފައި ވަނީ، މިއަދު ދެގަޑިން ދެގަޑިން ޕްރެސް ބާއްވަމުން ގެންދާނެ ކަމަށެވެ.