މި އަހަރަށް މަޖިލިސް ހުޅުވުމަށް އަންނަ ހޯމަ ދުވަހު ބާޢްވަން އުޅުނު ޖަލްސާ ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އެ ޖަލްސާ ކެންސަލް ކުރީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށެވެ.

"ސަލާމަތީ ސަބަބުތަކަކަށްޓަކައި ޖަލްސާ ކެންސަލް ކުރީ. މިހާރު މިދަނީ ހުރިހާ މެމްބަރުންނަށް މެސެޖް ކުރަމުން،" އަހްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެން ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.

ހޯމަ ދުވަހު ބާއްވަން ތާވަލް ކުރި ޖަލްސާއަކީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއެކެވެ. އެ ޖަލްސާ ދަރުބާރުގޭގައި ބާއްވަން މީގެ ކުރިން ނިންމާފައިވާއިރު އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައި ގަންނަވާނެއެވެ.

މަޖިލީހުން ޖަލްސާ ކެންސަލް ކުރިއިރު މީގެ ކުޑަ އިރުކޮޅެއް ކުރިން އެ އިދާރާއިން ވަނީ ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ އުސޫލާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމް ވަރަށް ސާފު ކަމަށެވެ. އަދި ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން ކަނޑައަޅާފައިވާ މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

"ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން އާންމު ވިދާޅުވީ މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންނަށް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ކުރިއަށް އޮތް ޖަލްސާ ތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

" ކުރިއަށް ހުރި ޖަލްސާތަކުގައި އެ 12 މެމްބަރުންވެސް ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް. ހުކުމުގައި އޮތް ގޮތަށް މަޖިލީހުން އަމަލު ކުރާނެ،" އަހްމަދު ވިދާޅުވިއެވެ.