ރާއްޖޭގައި ސިޔާސި ގޮތުން ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ފެނަކަ ކޯޕަރޭޝަންގެ އިމާރާތަކާއި އަދި އެމްއާރުޑީސީގެ އިމާރާތެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވަޒީރުންނާއި އަދި ކުންފުނިތަކުގެ އިސްވެރިން ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގައި ހިންގާ ފެނަކައިގެ އިމާރާތެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

"ރޭގެ ދަންވަރުގެ ވަގުތެއްގައި އަޅުގަނޑުމެންގެ ފެނަކައިގެ ބްރާންޗަކަށް ކާކުކަން ނޭނގޭ ގޮތަކަށް މެސެޖެއް އައިސްފައި އެބައޮތް. އެ މެސެޖުގައި އޮތީ ތިރަށުގައި ގާއިމްކުރެވިފައި އޮތް ފެނަކައާއި އަދި އެމްއާރުޑީސީގެ ސައިޓަށް ބަޔަކު ހަމަލާދީ ރޯކޮށްލަން އުޅޭ ކަމުގެ މައުލޫމާތި ލިބިފައިވޭ. އަޅުގަނޑުމެން ރެއިން ރެޔަށް ވަނީ އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނެސްފައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މީގެ ކުރިންވެސް ހަތެއް ފެބްރުއަރީގައި ވެރިކަން ވެއްޓި ހަލަބޮލިވުމުގެ ސަބަބުން ސަރުކާރުގެ އިމާރާތްތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

ފެނަކައިން ދޭ ހިދުމަތަކީ ރާއްޖޭގެ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަސާސީ ހިދުމަތަކަށް ވެފައި، އެތަންތަނަށް ގެއްލުން ލިބުމުން އޭގެ ގެއްލުން ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތައް ހިމާޔަތްކުރާނެ، ސަލާމަތީ ބާރުތަކުގެ ފޯސްތައް ރަށްރަށުގައި ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ މިދަނޑިވަޅުގައި ތަންތަނުގައި ރޯކުރުންފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްޔިތުން ނުކުމެ ސަރުކާރުގެ ތަންތަން ހިމާޔަތް ކުރުމަށް އިލްތިމާސްކުރައްވައިފައެވެ.