އިނގިރޭސި ކްލަބް އާސެނަލްއިން އެކްލަބުގެ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ 25 މިލިޔަން ޕައުންޑަށް މެންޗެސްޓާ ސިޓީއަށް ގުޅުމާއި ގާތްވެއްޖެ ކަމަށް ރިޕޯޓްތައް ބުނަމުންދެ އެވެ.

މި ރިޕޯޓްގައިވާ ގޮތުން ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި މެންސިޓީއަށް ސޮއިކުރުމުގެ ކުރިން ހަދާ މެޑިކަލް ޓެސްޓްތަކުގައި ނަސްރީ ބައިވެރިވާނެ ކަމަށްވެ އެވެ. މީގެ އިތުރުން ރިޕޯޓްގައިވާ ގޮތުން ނަސްރީ މެންސިޓީ އާއި ގުޅެނެކަމަށް ބެލެވެނީ ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ކަމެވެ.

ދެހާސް އަށް ވަނަ އަހަރު ފްރާންސްގެ މާސެއިލްއިން އާސެނަލްއަށް ބަދަލުވި ނަސްރީ އެކްލަބަށް ކުޅުނު 124 މެޗުން 27 ގޯލް ޖަހައިދީފައިވެ އެވެ. ނަސްރީ އާއި އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރުދުވަހު ވާއިރު އޭނާވަނީ އިތުރު ކޮންޓްރެކްޓެއްގައި ކްލަބާއިއެކު ސޮއިކުރުމަށް ދެކޮޅުހަދާފައެވެ.

މެންޗެސްޓާ ސިޓީއަށް 25 މިލިޔަން ޕައުންޑަށް ނަސްރީ ގެނެވިއްޖެނަމަ އެކްލަބަށް މިސީޒަނަށް 77 މިލިޔަން ޕައުންޑް ހަރަދުކުރެވޭނެ އެވެ. މެންސިޓީއަށް 39 މިލިޔަން ޕައުންޑަށް ސާޖިއޯ އަގުއެރޯ ގެނެފައިވާއިރު 13 މިލިޔަން ޕައުންޑަށްވަނީ ސްޓެފަން ސަވިޗްއާއި ގާލް ކްލިޗީ ގެނެސްފައެވެ.

އާސެނަލްއިން ފެބްރިގާސް ދިއުމުގެ އިތުރުން ނަސްރީ ދިއުމާއި ގާތުގައިވީނަމަވެސް އެކްލަބުގެ ކޯޗް އާސެން ވެންގާއަށް ސްކޮޑު ވަރުގަދަކުރެވޭނެކަމަށް ފޯވާޑް ތިއޯ ވަލްކޮޓް ގަބޫލުކުރެ އެވެ.

"އަހަރެމެން މިސީޒަނުގައި ކޮންމެވެސް ތައްޓެއް ކާމިޔާބުކުރަން އެބަޖެހޭ. ތަޖުރިބާކާރު ކުޅުންތެރިންތަކަކާއި ޒުވާން ކުޅުންތެރިންތަކެއްވެސް ޓީމުގައި ހުރުން މުހިންމު. ކޯޗަށް އެނގޭނެ ޓިމަށް ނގަންވީ ކުޅުންތެރިން. މޮޅެތި ކުޅުންތެރިން ވިއްކާލައިފަ އިތުރު މޮޅެތި ކުޅުންތެރިން ޓިމަށް ގެނެސް އާސެނަލްގެ ސްކޮޑު ކޯޗް ވަރުގަދަކުރާނެ." ވަލްކޮޓް ބުންޏެވެ.