ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ވާޖިބުތައް އަދާކުރެއްވުމުގައި ސާބިތުކަންމަތީ ކަމަށާއި އަދި އެމަނިކުފާނު ގައުމުން ބޭރަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ ފަތުރަނީ ދޮގުވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޔާމީން ސިންގަޕޫރަށް ފުރާވަޑައިގަންނަވާން އުޅުއްވާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

އެކަމާގުޅިގެން މުއާޒް ކުރެއްވި ޓުވީޓެއްގައި ވަނީ، "ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވާން އުޅުއްވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ، ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ބޭނުންކޮށްގެން ދައުރުކުރަމުންދާ ޓިކެޓަކީ ކަނޑައެޅިގެން ދޮގެއް،" ކަމަށެވެ.

މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު ކުރާ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ އެމަނިކުފާނާ ދިވެހިރައްޔިތުން ހަވާލުކުރެއްވި ވާޖިބު އަދާކުރެއްވުންމަތީ ހިތްވަރާ ސާބިތުކަމާ އެކު އެކަން ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވާކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ހުރިހާ ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމްކޯޓުގެ އަމުރު ސަރުކާރުން ތަންފީޒުކުރުން ލަސްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ނުތަނަވަސްކަން ފާޅުކޮށް އިހްތިޖާޖުކުރަމުންނެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް "ޑިއުޕްރޮސެސް ފޮލޯ ކުރުމަށް" އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާތީ، އެގޮތުގެ މަތީން ފުރިހަމަކުރާން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހިނގަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އަނެއްބައި މައްސަލަތަކަކީ ޝަރުއީ މަރުހަލާ ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ޓަކައި ސުޕްރީމް ކޯޓަށް ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލު އެ ކޯޓަށް ހުށަހެޅުމަށް ޓަކައި އެ އޮފީހުން ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.