03 Feb 2018, 09:15
ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމާއި އިންވެސްޓްމެންޓްތަކަށް އެއްވެސް ނޭދެވޭ އަސަރެއް ކުރިޔަ ނުދޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އިނގިރޭސި ވިލާތުން މިއަދު ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.
ވެރިކަން ކުރާ ޕީޕީއެމްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕީޕީއެމްގެ ނައިބު ލީޑަރުކަން ކުރައްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިދިޔަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވި ކަމަށެވެ.
ޒަމީރު ވިދާޅުވީ، ފަތުރުވެރިކަމަށް މާ ބޮޑު ޝޮކެއް ނާންނަ ކަމަށާއި، އައިސްފި ނަމަ އެކަމެއް ހައްލު ކުރެވޭނެ ކަމަށެވެ.
"މި ހުރިހާ ކަމަކާ އެކު ޝޮކް އެބްސޯބް ކުރެވޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރު ރޭވިފައި އޮތީ. ޓޫރިޒަމް ސެކްޓަރ އެކަންޏެއް ނޫން، ދެން ހުރި އިންވެސްޓްމެންޓްތައް ވެސް،" ޒަމީރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބޭރުގައި ރާއްޖޭގެ އަގު ވެއްޓުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، "އެކަންކަމުން ނަސްރު ލިބެނީ އިސްލާމް ދީނުގެ އަސާސުތަކާއި ދިވެހީންގެ އެއްބައިވަންތަކަމާ" ހެދި ކަމަށެވެ.
"އަޅުގަނޑުމެން މި ކަންކަމުގެ ނަސްރު ލިބެނީ އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބި އިސްލާމް ދީނުގެ އަސާސުތަކާއި ދިވެހީންގެ އެއްބައިވަންތަކަން. މިފަދަ ކޮންމެ އުދުވާނެއްގައި، ގައުމު ވެއްޓޭ ކޮންމެ ނިކަމެތި ހާލަތަކުން އަރައިގަނެވޭ،"
ސައީދު ވިދާޅުވީ ރާއްޖެއަކީ ނާޒުކު ގައުމެއް ކަމުގައި ވީ ނަމަވެސް މިއަދު ރާއްޖެއަށް ލިބިފައި އޮތް ނަސީބަކީ ރައީސް ޔާމީން ފަދަ ހިކުމަތްތެރި ވެރިއަކު ވެރިކަމުގައި ހުންނެވުން ކަމަށެވެ.
"ޔަގީން ކުރައްވާ. އިންވެސްޓްމެންޓްތަކާއި، އަދި ރާއްޖޭގެ އަގު ވައްޓާލަން ޓްރެވަލް އެޑްވައިޒަރީ ނެރެ، ރާއްޖެއަށް ދަތުރު ނުކުރަން ގޮވާލި ކަމުގައި ވިއަސް ﷲ ގެ އިރާދަފުޅާ އެކު އަޅުގަނޑުމެން ދާނީ ކުރިއަށް،" ސައީދު ވިދާޅުވިއެވެ.