18 Aug 2011, 14:30
ރެއާލް މެޑްރިޑްގެ ޕޯޗުގަލް ކޯލް ހޯސޭ މޮރީނިއޯ ސްޕެއިން ފުޓުބޯޅަ ހަލާކުކުރަމުންދާކަމަށް ބާސެލޯނާގެ ސްޕެއިން ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ. ޖެރާޑް ޕީކޭ މިހެން ބުނެފައި ވަނީ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މި ދެ ޓީޓީމު ކުޅުނު ސްޕެނިޝް ސުޕަކަޕްގައި ހިންގި ހަމަނުޖެހުމަށް ފަހު އެވެ.
ސުޕަކަޕްގެ ދެވަނަ ލެގުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރިމެޗްގައި ލަޔޮނަލް މެސީ މެޗްގެ ފަހު ވަގުތުކޮޅުގައި ޖެހި ލަނޑާ އެކު 5-4ގެ އެގްރިގޭޓަކުން މޮޅުވެ ސުޕަކަޕް ބާސާ ކާމިޔާބުކުރީ ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔަ ހަމަނުޖެހުންތަކާ އެކު އެވެ.
މިހަމަނުޖެހުން ހިނގާފައި ވަނީ ބާސާގެ ފެބްރިގާސްއަށް ރެއާލް މެޑްރިޑްގެ މާސެލޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާ އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. މާސެލޯގެ އިތުރުން ހަމަނުޖެހުންތަކާ ގުޅިގެން މިމެޗްގައި ރެއާލް މެޑްރިޑްގެ އޮޒިލްއަށާއި ބާސާގެ ޑޭވިޑް ވިޔާއަށް ވެސް ރަތްކާޑް ދައްކާފައިވެ އެވެ.
އިޓަލީ ލީގު އަދި އިނގިރޭސި ލީގުގައި ވެސް ވާދަވެރިކަން ބޮޑުކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެ ބާސެލޯނާ އާއި ބައްދަލުކުރާ ގިނަ މެޗްތައް ހޫނުވެފައިވެ އެވެ. އެގޮތުން މިހާތަނަށް ބާސާ އާއި ބައްދަލުކޮށް މޮރީނިއޯގެ ކޯޗްކަމުގެ ދަށުގައި ރެއާލް މެޑްރިޑަށް ހަތަރު ރަތްކާޑު ދައްކާފައިވެ އެވެ.
"މޮރީނިއޯ އެދަނީ ސްޕެއިންގެ ފުޓުބޯޅަ ހަލާކު ކުރަމުން. ކޮންމެވެސް ބަޔަކު އެކަމަށް ފިޔަވަޅު އަޅަންޖެހޭ. ކަންތައްތައް މިހާރު މިދަނީ މާމައްޗަށް. ކުރިއަށް އޮތްތާ މިކަހަލަ ކަންތައްތައް މާރަނގަޅަށް ނިމޭނެހެން ހިއެއްނުވޭ" ފީކޭ ބުންޏެވެ.
މިމެޗްގައި ދެ ޓީމުގެ ބެންޗުގައިތިބި ދެކުޅުންތެރިންކަމަށްވާ ބާސާގެ ޑޭވިޑް ވިޔާއާއި މެޑްރިޑްގެ މެސުޓް އޮޒިލްއާއި ދެމެދު ހިނގި ހަމަނުޖެހުމުގެ އިތުރުން މޮރީނިއޯ އާއި ބާސާގެ އެސިސްޓެންޓް ކޯޗް ޓީޓޯ ވިލަނޯވާއާ ދެމެދު ކުޑަ ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.