02 Feb 2018, 20:59
ދިވެހިރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ނައިބު ރައީސް ޖިހާދު ހުންނެވީ ސާބިތުކަމާއެކު ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށާއި ޕީޕީއެމްގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީނާއެކު ނައިބު ރައީސް ޖިހާދު ހުންނެވީ. އެއްވެސް ނުތަނަވަސް ކަމެއް ނެތް. އަޅުގަނޑުމެންނަށްވެސް ގުޅާ އިރުޝާދުދެއްވާ އެބަހައްދަވާ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި މައްސަލައެއް ނޫޅޭ ކަމަށެވެ. އަދި ހުރިހާ "ވަޒީރުންވެސް ތިއްބެވީ ރައީސް ޔާމީނާއެކު ކަމަށް" ވިދާޅުވިއެވެ.
އާންމުކޮށް ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން ކަމަށްވާ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މިވަގުތު ޕާޓީގެ ހަރަކާތްތަކުން ނުފެންނާތީ ސުވާލު ދެންނެވުމުން އަދުރޭ ވިދާޅުވީ އެ ބޭފުޅާ ހުންނެވީ ސިއްހީ ފަރުވާއެއް ހޯއްދަވަން ލަންކާއަށް ވަޑައިގެން ކަމަށާއި ނިހާން ވެސް ހުންނެވީ ޕާޓީއާއެކު ކަމަށެވެ.