02 Feb 2018, 20:54
ރާއްޖޭގެ ސުޕްރީމް ކޯޓުން ރޭގެ ވަގުތެއްގައި ނެރުނު އަމުރު ތަންފީޒުކުރުމަށް އދގެ ހައި ކޮމިޝަން ފޯރ ހިއުމަން ރައިޓްސްއިން ގޮވާލައިފިއެވެ.
ސުޕްރީމް ކޯޓުން ރޭ ކުރި އަމުރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ ފަރާތެއް ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
އދގެ ހައި ކޮމިޝަން ފޯރ ހިއުމަން ރައިޓްސްގެ އޮފީހުގެ ތަރުޖަމާނު ރޫޕަޓް ކޮލްވިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްރަހާ މެދު އެ އޮފީހުން ކަންބޮޑުވުން ފާޅުކުރަމުން ދާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި، އިއްޔެ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"ވަކިން ޚާއްސަކޮށް، ސަރުކާރާއި، އަސްކަރިއްޔާގެ އިތުރުން ފުލުހުންގެ ރިއެކްޝަންތައް މިދަނީ ވަރަށް ގާތުން ބަލަމުން،" އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި، ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ އޮފީހުން ވަނީ، ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރަށް ދިވެހި ސަރުކާރުން އިހުތިރާމުކުރުމަށް ގޮވާލައިފައެވެ.
ހައި ކޮމިޝަނަރުގެ އޮފީހުން ބުނީ، ކޯޓުގެ ނިންމުމާ ގުޅިގެން މާލޭގައި އުފާފާޅުކުރަމުން ދިޔަ މީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބޭނުންކުރަމުން އަންނަ ބާރާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި އެއްވި މީހުން އެސަރަހައްދުން ފޮނުވާލުމަށްޓަކައި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.
ބަޔާނުގައި ބުނީ ފުލުހުންވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި، މުޒާހަރާއާއި އެއްވެ އުޅުމާ ގުޅިގެން އަމަލުކުރާ ގޮތްތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވަލާ ކަމަށެވެ. އަދި މުޒާހަރާކުރުމަށް ނުވަތަ އުފާފާޅުކުރުމަށް އެއްވެ އުޅޭ ފަރާތްތަކުންވެސް ސުލްހަވެރި ގޮތެއްގެ މަތިން އެކަންކަން ކުރުމަށް އދގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރުގެ އޮފީހުން ގޮވާލިއެވެ.