18 Aug 2011, 14:23
ރާއްޖޭގެ މެޗް އޮފިޝަލުންގެ އަދަދު 2012 ވަނަ އަހަރަށް އިތުރުކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފި އެވެ. މި އަހަރު މެޗް އޮފިޝަލުންގެ ލިސްޓްގައި ހިމެނެނީ ތިން ރެފްރީންނާއި ފަސް އެސިސްޓަންޓް ރެފްރީންނެވެ.
މެޗް އޮފިޝަލުންގެ އަދަދު ފީފާ އިން އިތުރު ކޮށްދީފައިވާ ގޮތުން ފަސް ރެފްރީންނާއި ހަތް އެސިސްޓަންޓް ރެފްރީން ހިމެނޭ އިރު އެފްއޭއެމްގެ ސާވޭއަކަށް އެއިދާރާ އިން ބަލާނެ އެވެ. މި ސާވޭގައި ރާއްޖޭގެ ބޮޑެތި ލީގުތަކަށް ރެފްރީން ހަމަޖައްސާގޮތާއި، ފެންވަރު އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ރެފްރީންގެ ކޮމެޓީ އެކުލަވާލާފައިވާ ގޮތާއި ރެފްރީން ޑިޕާޓްމެންޓް އެކުލަވާލާފައިވާ ގޮތުގެ އިތުރުން ރެފްރީންގެ ރެޖިސްޓަރީއަށް ވެސް ބަލާނެ އެވެ.
މިވަގުތު ރާއްޖޭގައި ތިބި ފީފާ މެޗް އޮފިޝަލުންގެ ތެރޭގައި އަލީ ސަލީމް )ރެފްރީ(، އަހްމަދު އަމީޒު )އެސިސްޓެންޓް ރެފްރީ(، އިސްމާއުލް ތަޢުފީގު )އެސިސްޓެންޓް ރެފްރީ(، މުހައްމަދު ފަރީދު މުހައްމަދު އަނީލު )އެސިސްޓެންޓް ރެފްރީ(ގެ އިތުރުން އަހްމަދު އަސްލަމް ހިމެނެ އެވެ.
މިހާރު ތިބި ފީފާ މެޗް އޮފިޝަލުންގެ ތެރެއިން އެސިސްޓެންޓް ރެފްރީ އަހްމަދު އަސްލަމް ވަނީ 2012 ވަނަ އަހަރަށް ހޮވާ ރެފްރީންގެ ލިސްޓްގައި ހިމެނިފަ އެވެ. ފެންވަރު ހުރި ބައިވެރިންގެ ތެރެއިން ހޮވޭ މީހުންނަށް ސެޕްޓެމްބަރު މަހު ފިޓްނަސް ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. ސެޕްޓެމްބަރު 16ގައި ރެފްރީންގެ ފިޓްނަސް ޓެސްޓް އޮންނަ އިރު 17 ސެޕްޓެމްބަރުގައި އެސިސްޓެންޓް ރެފްރީންގެ ޓެސްޓް ހެދުމަށް ހަމަޖެހިފައިވެ އެވެ.