ސުޕްރީމް ކޯޓުން ރޭ އަމުރު ކުރި ނުވަ ބޭފުޅުން ދޫކޮށްލުމުގެ އަމުރަކަށް އެދި އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުން ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ހެބިއަސް ކޯޕަސްގެ މައްސަލަ އަކީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ މީހުން ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލައެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުން ރޭ ދޫކޮށްލަން އަމުރުކުރި ނުވަ ބޭފުޅުން މިހާރު ތިއްބެވީ ގާނޫނާ ޚިލާފު ބަންދެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓުގެ ހުކުމެއް އަދި އަމުރެއް ނެތި މީހަކު ބަންދުގައި ބެހެއްޓުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށެވެ.

ބަންދުގައި ތިބި ބަޔަކު ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން އެބަޔަކު ދޫކޮށްނުލައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިރޭ އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ އެ ނުވަ ބޭފުޅުންނަށް ޝަރީއަތްކޮށް ހުކުމް އިއްވާފައި ވަނީ ގާނޫނު އަސާސީ އާއި ބައިނަލް އަގުވާމީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ކަމަށެވެ.

ހިސާނު ވިދާޅުވީ ސަރުކާރުން ދައްކަނީ ގާނޫނީގޮތުން ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށާއި ކޯޓުން ހުކުމެއް ކުރުމުން އެ ހުކުމް ތަންފީޒު ނުކޮށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށެވެ.

"ޝަރުއީ ކޯޓުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ވަކި ބަޔަކަށް އަމުރު ކުރުމުން އެއަށް އަމަލު ނުކޮށެއް ނުތިބެވޭނެ. މިކަމުގައި އިތުރު މަރުހަލާއެއް ނޯންނާނެ،" ހިސާން ވިދާޅުވިއެވެ.

ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރައްވައި އެ އަމުރާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑިއު ޕްރޮސެސް ފުރިހަމަކުރައްވައިގެން އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް އަނިލް ވިދާޅުވިއެވެ.