02 Feb 2018, 22:32
ފައިސާގެ ބާރު ހުރި ކްލަބުތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ވާދަވެރިކަން ގެއްލި، ލީގުތައް ހަލާކުވަމުންދާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
ވެންގާ ބުނީ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް، ވަރުގަދަ ކުޅުންތެރިންތައް ގަންނަ ކްލަބުތަކުގެ ސަބަބުން ލީގުތަކުގެ ފޯރި ކުޑަވެ، މެޗުތަކުން ހީނުކުރާ ކަހަލަ ނަތީޖާތައް ނުކުތުމުގެ ޖާގަ ގެއްލޭ ކަމަށެވެ.
"ޔޫރަޕުގެ ބޮޑެތި ފަސް ލީގަށް ބަލާ. ޑިސެންބަރު މަހުގައިވެސް ހަތަރު ލީގެއްގެ ޗެމްޕިއަން އޮތީ ޔަގީންވެފަ. އެހެންވީމަ އެބައެނގޭ ކޮންމެވެސް މައްސަލަތަކެއް އުޅޭކަން. ފައިސާގެ ގޮތުން ބާރުގަދަ ޓީމުތަކުގެ ސަބަބުން ލީގުތަކުގެ ވާދަވެރިކަން ގެއްލުވާލާ،" ވެންގާ ބުންޏެވެ.
ސީޒަންގެ މެދާ ހަމައަށް އައިސްފައިވާ އިރު، ޔޫރަޕުގެ ބޮޑެތި ލީގުތަކުގައިވެސް އެއްވަނައިގައި ޓީމުތައް އޮތީ ބޮޑު ލީޑެއްގައިކަން ފާހަގަކުރެވެއެވެ. ފްރާންސް ލީގުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއްގައި ޕީއެސްޖީ އޮތް އިރު، ބުންޑަސްލީގާގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 16 ޕޮއިންޓެއްގެ ލީޑެއްގައެވެ. އަދި އާންމުކޮށް ވާދަވެރިކޮށް ކުރިއަށްދާ ލީގެއް ކަމަށްވާ އިނގިރޭސި ލީގުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 15 ޕޮއިންޓްގެ ލީޑެއްގައެވެ. އަދި ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ ވެސް އޮތީ 11 ޕޮއިންޓްގެ ލީޑެއްގައެވެ.
ވޭތުވެދިޔަ އަހަރު ތެރޭގައި ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ވަނީ ބޮޑެތި އަގުތަކެއްގައި ކުޅުންތެރިން ގެންގޮސްފައެވެ. ހާއްސަކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ދެ ކްލަބާއި ފްރާންސްގެ ޕީއެސްޖީގެ އިތުރުން ބާސެލޯނާ އަދި ރެއާލް މެޑްރިޑް ފަދަ މުއްސަނދި ކްލަބުތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ޕީއެސްޖީން ވަނީ ބާސާއަށް ކުޅެމުންދިޔަ ބްރެޒިލްގެ ނޭމާ، ދުނިޔޭގެ ރެކޯޑު އަގެއްގައި އެޓީމަށް ގެންގޮސްފައެވެ. އަދި ބާސާއިންވެސް ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ.
މިސީޒަންގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރު މިދިޔަ ބުދަ ދުވަހު ބަންދުވެފައިވާ އިރު، އާސެނަލް ހިމެނޭ އިނގިރޭސި ލީގުގެ ތާރީހުގައިވެސް އެންމެ ގިނައިން ހަރަދުކުރި ފިނި މޫސުމުގެ ޓްރާންސްފާ ސީޒަނަކީ މިއަހަރުގެ ޓްރާންސްފާ ސީޒަނެވެ. އިނގިރޭސި ކްލަބުތަކުން ކުރި ހަރަދު ޖުމްލަ 430 މިލިއަން ޕައުންޑަށް އަރާފައިވާ އިރު، "ޑެޑްލައިން ޑޭ"ގައި އެކަނިވެސް އިނގިރޭސި ކްލަބުތަކުން ވަނީ 150 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ.
ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގެ "ޑެޑްލައިން ޑޭ" ގައި އާސެނަލުންވެސް ވަނީ މުހިންމު ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ ޗެލްސީއަށް ބަދަލުވެފައިވާ އިރު، އޭނާގެ ބަދަލުގައި އާސެނަލްއިން ވަނީ ރެކޯޑު އަގަކަށް ޕިއެރޭ އެމްރިކް އޮބަމަޔާން އެޓީމަށް ގެންގޮސްފައެވެ.