02 Feb 2018, 20:25
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލު އެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވި ކަމަށް ބަންޑާރަ ނައިބު އަނިލް ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޑީޖޭއޭއިން ބުނެފައިވަނީ އަމުރަކީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރިފައިވާ އަމުރެއް ކަމަށާއި އަމުރުގައިވާގޮތަށް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.
ޕީޖީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ވަގުތުން މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާ ތަކުގައި ހިނގަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އަނެއްބައި މައްސަލަތަކަކީ ޝަރުއީ މަރުހަލާ ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"މި އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލި އެ ކޯޓަށް (ސުޕްރީމް ކޮޓަށް) ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުން.،" ޕީޖީ ވިދާޅުވި އެވެ.