ސުޕްރީމް ކޯޓުން ރޭ ދައުލަތުގެ މައްޗަށް ނެރުނު އަމުރަކީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެއް ކަމަށާއި އެ އަމުރަށް އަމަލުކުރަން ޖެހޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

މިއަދު ދައުލަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވީ އަމުރުގައި ހުރި ބައެއް ގާނޫނީ ކަންކަމާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ޑީޖޭއޭއިން ބުނީ އަމުރު ނެރުނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ. އެހެންކަމުން އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އަދި މައްސަލައެއްގައި ނުވަތަ ގާނޫނީ ކަމެއްގައި އުއްތަމަ ފަނޑިޔާރާ ނުވަތަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށް ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށާއި އެހެން ނަމަވެސް ކޯޓުން ކުރާ އަމުރުތައް އަމުރު ރައްދުވާ ފަރާތުން ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.

އަމުރުގައި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވަނީ ސިޔާސީ ނުވަ ފަރާތެއް ވަގުތުން މިނިވަން ކުރުމަށެވެ. މިނިވަން ކުރަން ޖެހޭ ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ގާނޫނާ ހިލާފަށް ހިންގާފައިވާ ތަހުގީގުތަކާއި ޝަރީއަތްތަކުގެ ސަބަބުން ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.

ދޫކޮށްލަން އަމުރުކުރި ސިޔާސީ ފަރާތްތައް

  • ގ. ކެނެރީގޭ މުހައްމަދު ނަޝީދު،
  • މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު،
  • މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ،
  • ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު،
  • ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން،
  • މ. މާފަންނުވިލާ ގާސިމް އިބްރާހިމް،
  • މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން،
  • ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން،
  • މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް