02 Feb 2018, 19:59
މާކެޓިން ދާއިރާގެ ތަޖުރިބާކާރުން އެއް ފުރާޅެއްގެ ދަށަށް ގެނެސްގެން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ "މޯލްޑިވްސް މާކެޓާސް ފޯރަމް"، 200 އަށްވުރެ ގިނަ ބައިވެރިންނާއެކު މާދަމާ އޮންނާނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ)އިން ބާއްވާ މި ފޯރަމް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ.
ސީއެމްއޭއިން ބުނީ ކުރިން އެ ފޯރަމް ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައި ވީނަމަވެސް އެ ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު ގިނަވުމާއެކު ގިނަ ބަޔަކު ބައިވެރިކޮށްގެން ފޯރަމް ކުރިއަށް ގެންދިއުމަށް އެމްއެންޔޫގެ ބިޒްނަސް ސްކޫލްގައި ބާއްވަން ނިންމީ ކަމަށެވެ.
މާދަމާގެ އެ ފޯރަމްގައި ބޭރުގެ ތަޖުރިބާކާރު ޓްރެއިނަރުންނާއެކު ދެ ވޯކްޝޮޕްގެ އިތުރުން ޕެނަލް ޑިސްކަޝަންއެއް އޮންނާނެކަމަށް ސީއެމްއޭއިން ބުންޏެވެ. އަދި އޭގެ އިތުރުން މާކެޓިން ދާއިރާގެ ތަޖުރިބާކާރުން ކީނޯޓް ސްޕީޗުތަކެއް ދެއްވާނެކަމަށް ސީއެމްއޭއިން ބުންޏެވެ.
އެ ދާއިރާތަކަށް އަލި އަޅުވާލައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ބޭފުޅުން؛
ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ކޮންސަލްޓެންޓް، ޕަރަސަންނަ ޕެރޭރާ: ޕަރަސަންއަކީ ސްރީލަންކާގައި "މާކެޓިން ގުރޫ"ގެ ނަމުން މަޝްހޫރުވެފައިވާ މާކެޓިންގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. ވޭތުވެ ދިޔަ 25 އަހަރުގައި އޭނާ ވަނީ 20،000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީންކޮށްފައެވެ. އަދި 300 އަށް ވުރެ ގިނަ ކުންފުންޏާއި 15،000 އަށް ވުރެ ގިނަ މީހުންނަށް މާކެޓިން ދާއިރާގައި ކޮންސަލްޓޭޝަން އޭނާ ވަނީ ދީފައެވެ.
- ކޮލޮމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ފަރާތުން، ޔޮޝިނީ ކޮރޭޝި: ޔޮޝިނީ ކޮރޭޝިއަކީ ސްރީލަންކާގެ ސައިކޮލޮޖީގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެންމެ ފުންނާބު އުސް އެއް ބޭފުޅެވެ. އަދި ބިޒްނަސް ސައިކޮލޮޖީގެ މުހިއްމުކަމާ މެދު ވިޔަފާރިތައް ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ މަދު މީހުންގެ ތެރޭގައި ޔޮޝިނީ ހިމެނެއެވެ.
- ތިންކް އެޑްވަޓައިޒިންގެ ސީއީއޯ، އަދީލް އިސްމާއިލް: އަދީލް އަކީ ތިންކް އެޑްވަޓައިޒިންގް ކޯފައުންޑަރު އަދި ސީއީއޯއެވެ. އުފެއްދުންތެރިކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އަދީލްއަކީ ވިޔަފާރި ކުންފުނިތަކުގެ މެދުގައި މަގުބޫލު ވެރިއެކެވެ. ރާއްޖެ މަޝްހޫރުވެފައިވާ "ސަނީ ސައިޑް އޮފް ލައިފް"އެ ބްރޭންޑާ އެކު މަޝްހޫރު ބްރޭންޑްތައް އުފައްދާފައިވާ ތަޖުރިބާކާރެކެވެ.
- ސްމޯލް މޯލްޑިވްސް އައިލެންޑްގެ އިންޓަނޭޝަނަލް ސޭލްސްގެ ޑިރެކްޓަރު، އަބްދުﷲ ނަބީލް: ނަބީލްއަކީ ލަގްޒަރީ ރިސޯޓްތަކުގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. ރިސޯޓްތަކާއި ހޮސްޕިޓާލިޓީގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ނަބީލްއަކީ އެ ދާއިރާގެ ވިޔަފާރީގައި ތަފާތު އާ އުކުޅުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ.
- ދިރާގުގެ ޗީފް މާކެޓިން އޮފިސަރު، އިޒަބެލް ހަޖްރީ: އިޒަބެލްއަކީ ތަފާތު އެކި ގައުމުތަކުގެ ސަގާފަތްތަކުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ އެކި މޯބައިލް އެންޑް ޓެލެކޮމް ކުންފުނިތަކުގައި މެނޭޖްމަންޓް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަލަށް ކުންފުނިތައް އުފައްދައި ހިންގުމާއި އާ ބްރޭންޑްތައް އުފެއްދުން ފަދަ ދާއިރާތަކުން ފުރިހަމަ ތަޖުރިބާ އިޒަބެލްއަށް ވަނީ ލިބިފައެވެ.
- ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިމިނަތު ޝާޔަން ޝާހިދު: ޝާޔަންއަކީ ޕީއެސްއެމްގެ ދަށުން ޓީވީ، ރޭޑިއޯ، އޮންލައިން، ޕްރިންޓް މީޑިއާވެސް ހިންގުމުގައި ހަރަކާތްތެރިވާ މީޑިއާގައި މަސައްކަތް ކުރާ މީހުން އުފެއްދުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
- އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު، ނިއުޝާދު ޝަރީފް: ނިއުޝާދަކީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ ހުރިހާ ކަމެއް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭގެ އިތުރުން ވެސް ތިންކް މޯލްޑިވްސްގެ ސީނިއާ މެނޭޖާގެ ހައިސިއްޔަތުން، ނިއުޝާދަކީ ބްރޭންޑް ޕްލޭނިން އަދި މާކެޓިން ކެންޕޭންތައްް ހިންގުމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.
އެމްޓީސީސީން ސްޕޮންސާކޮށް ވެމްކޯ، އެސްޓީއޯ، އެމްސެވަން ޕްރިންޓްއިން ކޯ ސްޕޮންސާކޮށްގެން ބާއްވާ އެ ފޯރަމްގެ ކޭޓަރިން ޕާޓްނަރަކީ އަކީ ސިމްފަނީއެވެ. އަދި މެރާކީ ކޮފީއާއި ޗަމްޕާ ސެންޓްރަލް ހޮޓެލްއަކީ ކޮފީ އަދި ހޮޓެލް ޕާޓްނަރުންނެވެ.
މާކެޓާސް ފޯރަމަކީ ވިޔަފާރިތަކުގެ އިސްވެރިން ބައިވެރިވާ، އަދި ވިޔަފާރިތަކުން ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެ ނެޓްވޯކިންގް އިވެންޓެކެވެ.