02 Feb 2018, 18:18
ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށްފަހު ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި ފޯރީގައި ގާނޫނާ ޚިލާފު ކަމެއް ކޮށްފި ނަމަ އެބަޔަކާ ގާނޫނު އަރާ ހަމަ ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝައިނީ ވަނީ މި ދަނޑިވަޅުގައި ހަމަނުޖެހުން އުފައްދާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީން ކަން ދެއްވައިފައެވެ.
"ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ވާހަކައެއް ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ވާހަކަ. މިކަމުގެ ތެރޭގައިވެސް އެންމެން ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ. އެހެންވީމާ މިވަގުތު އެއްވެސް ބޭފުޅަކު ފޯރީގައިވެސް ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮއްފިއްޔާމު އެކަންކަން ފަހުން އެބޭފުޅަކާ އަރާ ހަމަކުރާނެ ކަން ހަނދާން ކުރައްޗޭ،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު މިހާރުވެސް ސަރުކާރަށް އެބައޮތް ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ގޮތުން މިހާރު ހަލަބޮލިވެފައި އޮތް ނަމަވެސް މިކަން ވަރަށް ހައްލުކުރައްވާނެ ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް އެއްވެސް ދެރައެއް ނުވާނެ ކަމުގެ ޔަގީންކަން ޑރ. ޝައިނީ ދެއްވިއެވެ.
ޝައިނީ ވިދާޅުވީ ރައީސް ޔާމީނަށް މީގެކުރިންވެސް އެފަދަ ބޮޑެތި ގޮންޖެހުންތައް ގިރާކުރައްވާފައިވާ ކަމަށާއި އަދި މިހާރު ދިމާވެފައިވާ މައްސަލަ ވެސް އެމަނިކުނުފާނުގެ ދުރުވިސްނުންފުޅުގެ ބޭނުންހިފައި ހައްލުކުރައްވާނެ ކަމަށެވެ.