ސުޕްރީމް ކޯޓުން ރޭ އަމުރުކުރީ ސިޔާސީ ގޮތުން ޖަލަށް ލާފައި ތިބި ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ދައުލަތާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ މައްޗަށެވެ. އެ އަމުރުގައި މުޅިން މައްސަލަތަކުން މިނިވަންވީ ކަމަށް ނުބެލެވޭ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

ސިޔާސީ ބޭފުޅުން ދޫކުރަން އަމުރުކުރީ އެ ފަރާތްތަކާ މެދު ހިންގާފައިވާ ތަހުގީގުތަކާއި އެއާ ގުޅިގެން ހިންގާފައިވާ ޝަރީއަތްތަކަކީ ނުފޫޒުގެ ދަށުގައި އޮވެ ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ޝަރީއަތްތަކެއް ކަމަށް ބުނެ އެވެ.

އަމުރުގެ ފަސް ވަނަ ނުކުތާ ނިންމަމުން އަމުރުގައި ބުނެފައި ވަނީ އެފަރާތްތައް މިނިވަން ކުރާނީ "އެފަރާތްތަކާ ގުޅުން ހުރި މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެލެވޭނެ އިންތިޒާމު ހަމަޖެހެންދެން" ކަމަށެވެ.

އަމުރުގައި އެހެން ބުނެފައިވާ ނަމަ އެ މައްސަލަތައް އަލުން ތަހުގީގު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ދައުވާ އުފުލޭ ވަރަށް ހެއްކާއި ގަރީނާ ހުރި ނަމަ އަލުން ދައުވާ ވެސް ކުރެވޭނެ އެވެ. ސުޕްރީމް ކޯޓުން ރޭ ނެރެފައިވާ އަމުރާ އެއްގޮތަށް އެ ނުވަ ބޭފުޅުން ވަގުތުން މިނިވަން ކުރަން ދައުލަތަށް ލާޒިމް ވާނެ އެވެ.

އެހެން ނަމަވެސް މައްސަލަތައް އަލުން ބެލޭނެ ކަމުގެ އިޝާރާތެއް އަމުރުގައި މިވަނީ ދީފަ އެވެ. އަދި އަލުން އެ މައްސަލަތައް ބެލޭނެ ކަމުގެ އިންތިޒާމު ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށް އަމުރުގައި ބުނެފައިވާ ވާހަކައިން ދޭހަވެ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރުގައިވާ ކަންކަމަށް މިހާތަނަށް ދައުލަތުން އަމަލުކޮށްފައެއްނުވެ އެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އެ އަމުރަށް އިހުތިރާމު ކުރާ ކަމަށާއި އަމަލު ކުރުމުގެ ކުރިން ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ.

އަމުރުގެ ހުރި ގާނޫނީ ކަންކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވި އެވެ. ވިދާޅުވީ އުއްތަމަ ފަނޑިޔާރާ އެކަންކަމާ ގުޅިގެން މަޝްވަރާ ކުރުމުން ޑިއު ޕްރޮސެސް އަކަށް ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

"އުއްތަމަ ފަނޑިޔާރާ އަމުރާ ގުޅިގެން މަޝްވަރާ ކުރުމުން ޑިއު ޕްރޮސެސްއަކުން ކުރިއަށް ދިއުމަށް ލަފާދެއްވި" އަނިލް ވިދާޅުވި އެވެ.

ދައުލަތުން އެ އަމުރަށް އަމަލު ނުކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. އަދި ދޫކޮށްލަން އަމުރުކުރި ސިޔާސީ ބޭފުޅުންގެ ވަކީލުން ބުނަމުން ދަނީ އެ ފަރާތްތައް ދޫކޮށްނުލައި ދައުލަތާއި ދައުލަތުގެ ބަންޑާރަ ނައިބު ދަނީ ގާނޫނާ ހިލާފަށް ޖިނާއީ ކުށެއް ކުރަމުން ކަމަށެވެ.

ދޫކޮށްލަން އަމުރުކުރި ސިޔާސީ ފަރާތްތައް

  • ގ. ކެނެރީގޭ މުހައްމަދު ނަޝީދު،
  • މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު،
  • މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ،
  • ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު،
  • ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން،
  • މ. މާފަންނުވިލާ ގާސިމް އިބްރާހިމް،
  • މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން،
  • ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން،
  • މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް