02 Feb 2018, 17:21
ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތު' އަކީ އަންހެނުންގެ ބާރުވެރިކަމާއި ހިތްވަރު އަންގައިދޭ މުހިއްމު ފިލްމެއްކަމަށް އެ ފިލްމުގެ ލީޑު ތަރި ދީޕިކާ ޕަދުކޯން ބުނެފިއެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ ފިލްމު ބެލި އެންމެންނަށް ފިލްމުން ރަނގަޅު މެސެޖެއް ލިބޭނެ ކަމަށެވެ.
'ޕަދްމާވަތު'ގެ ސަބަބުން ލިބެމުންދިޔަ މަރުގެ އިންޒާރުތަކަށް ޖެހިލުންވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ދީޕިކާ ބުނީ އޭނާ އެއްވެސް ވަރަަކަށް ޖެހިލުން ނުވާ ކަމަށެވެ.
"އަނެއްހެން އެއްވެސް އެއްޗެއް ނާރާ ހިތަކަށް. ކެރިގެން ކުރިމަތިލާނީ ހުރިހާ ކަމަކަށްވެސް. އަހަރެން މިއީ ބިރުކުޑަ މީހެއް،" އޭނާ ބުންޏެވެ.
ޕަދްމާވަތު އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.
އެގޮތުން ޕަދްމާވަތުގެ ލީޑް އެކްޓްރެސް ދީޕިކާ ޕަދްކޯންއަށް މެދުކެނޑުމެއް ނެތި މަރުގެ އިންޒާރުތައް ލިބުނު އިރު އިންޑިއާގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ބީޖޭޕީ ޕާޓީއަށް ނިސްބަތްވާ އިސް މީހަކު ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މަރާލި ބަޔަކަށް ބަދަލެއްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފައެވެ.