މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންއިން އެ ޔުނިވާސިޓީގެ ގދ. ތިނަދޫ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކޮށް އެ ކެމްޕަހުގައި ޔޫނިއަންގެ ގޮތްޕެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި އަލަށް އިންތިހާބުވި ސްޓޫޑިއަންޓް ޔޫނިއަންގެ ހިންގާ ކޮމިޓީގެ އިސްވެރިން ވަނީ ދަރިވަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ތިނަދޫ ކެމްޕަހުގައި ހުންނަވައިގެން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެ ޔޫނިއަންގެ ގޮފިތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޔޫނިއަންގެ ނައިބު ރައީސް އަލީ ޝަމްއޫން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ބައްދަލުވުމަކީ މިހާރު އެ ޔޫނިއަންއިން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ އެއް މަސައްކަތް ކަމަށްވާ އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ގޮފިތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ތިނަދޫ ކެމްޕަސްގެ ދަރިވަރުންނާއި އެމްއެންޔޫއެސްޔޫ ގެ އެކްސްކޯ ބައްދަލުކުރަނީ--ސަން ފޮޓޯ/ މުހައްމަދު ސަމާހް

"މިއީ ޔުނިވަސިޓީގައި ކިޔަވަމުންދާ ހުރިހާ ކުދިންގެ ހިއްސާ އޮންނަ ޖަމާއަތެއް. އެހެންކަމުން ޔޫނިއަންގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ސީދާ ގޮތެއްގައި ހުރިހާ ދަރިވަރުންނަށް ހޯދައިދޭން ބޭނުންވަނީ. އެންމެ މުހިންމު ކަމެއް މިދެނީ ދަރިވަރުންނާ ވީހާވެސް ގާތުން ޔޫނިއަން ހިންގަން،" ޝަމްއޫނު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ތިނަދޫ ކެމްޕަހުގައި ކިޔަވަމުންދާ ފުލްޓައިމް ކޯސްތައް އަދި ބްލޮކް މޯޑަށް ކިޔަވާ 70 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުވުމަށް ފަހު ޔޫނިއަންއިން ވަނީ ތިނަދޫ ކެމްޕަސްގައި ހުންނަ ދަނާލުގައި ތިބި ކުދިންނާ ވެސް ބައްދަލުކޮށް، ކަންކަން އޮޅުން ފިލުވާފައެވެ.

ޔޫނިއަންއިން މިހާރު ކެމްޕަސް ތަކަށް ކުރަމުންދާ ދަތުރުގައި އެންމެ ފުރަތަމަ ގޮސްފައިވަނީ ކުޅުދުއްފުށީ ކެމްޕަހަށެވެ.