ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ ގުޅިގެން މާލެތެރޭގައި ހިނގައިދިޔަ ކަންކަން ހުއްޓުވަން ނުކުތް ފުލުހަކަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ސާވިސްއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަނިޔާވެފައިވަނީ ޕޮލިސް ސްޓާފް ސާޖަންޓް އައްސަދު އަބްދުލް މުހުސިނަށް ކަމަށެވެ.

ގާގަނޑަކުން ޖެހި އައްސަދުގެ ބޮލަށް އަނިޔާވެފައިވާއިރު އޭނާގެ ބޮލުގެ އެތެރެއަށް ލޭ އެޅިފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. އަދި އޭނާގެ ބޮލުގެ ސާޖަރީއެއް މިހާރު އޭޑިކޭގައި ކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ރޭ އެމްޑީޕީ ހަރުގެ ކައިރީގައި އެއްވެ ތިބި މީހުން އެ ސަރަހައްދުން ފޮނުވާލުމަށްޓަކައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި ބައެއް މީހުން ހައްޔަރު ކުރި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.