ސިޔާސީ ނުވަ ފަރާތެއް މިނިވަންކޮށް ރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވެ އަމަލު ކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރެސީއާ ގާނޫނަށް ބޯލެނބުމުގެ ގޮތުން އެ އަމުރަށް ދިވެހި ސަރުކާރުން ބޯލަނބަން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަމާގުޅުން ހުރި އިދާރާތަކުން ފޯރުކޮށްދިނުމަށް އިންޑިއާއިން ވަނީ އެދިފައެވެ.

އިންޑިއާއިން ބަޔާން ނެރެފައިވާއިރު އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްވެސް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ދަންނަވައިފައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ޖަލު ހުކުމުގައި ތިއްބެވި ނުވަ ސިޔާސީ މީހަކު ވަގުތުން މިނިވަން ކުރަން ވަނީ އަމުރުކޮށްފައެވެ.

އެއީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު، މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު، މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު، ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން، މ. މާފަންނުވިލާ ގާސިމް އިބްރާހިމް، މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން، ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން، މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް އެވެ.