18 Aug 2011, 13:26
އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެފްއޭއެމް އިން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް 1-1 ލަނޑަށް ނަތީޖާ ހަމަހަމަކޮށް ވެލެންސިޔާ އިން މާޒިޔާ ހިފަހައްޓައިފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑުޖަހައި މާޒިޔާއަށް ލީޑް ނަގައިދިނީ މެޗްގެ 35 ވަނަ މިނެޓްގައި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ނަމަވެސް ދެ ވަނަ ހާފަށް ނުކުމެ ތިން މިނެޓް ހަމަނުވަނީސް ވެލެންސިޔާގެ އަބްދުﷲ ޝާހިދުވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ވެލެންސިޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ ހަތަރު މިނެޓް ފަހުން އެ ޓީމު ކުޅުންޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. ވެލެންސިޔާގެ މުހައްމަދު ޝާހިދަށް ދެއްކި ރަތްކާޑާ ގުޅިގެން ދަނޑުން ފޮނުވާލާފައިވާ އިރު 63 ވަނަ މިނެޓްގައި މާޒިޔާގެ އަކްރަމް ރަމީޒްއަށް ދެއްކި ކާޑާ ގުޅިގެން އެ ޓިމުވެސް ދިހަ ކުޅުންތެރިންނާ އެކު މެޗް ފުރިހަމަކުރަން ޖެހުނެވެ.
މިމެޗުން ވެލެންސިޔާ އަށް ޕޮއިންޓެއް ލިބިފައިވީ ނަމަވެސް ދެވަނަ ބުރުގެ ތާވަލްގެ އެންމެ ކުރީގައި ދެމެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު އެންމެ ކުރީގައި އަދިވެސް އުޅެނީ އެޓީމެވެ. ތާވަލްގެ ދެވަނާގައި ތިންޕޮއިންޓާ އެކު ވިކްޓަރީ އުޅޭއިރު މާޒިޔާ އުޅެނީ ތިންވަނާގައި ދެ ޕޮއިންޓާ އެކު އެވެ. ވީބީއިން މިހާތަނަށް ކުޅުނު މެޗްތަކުން އެންމެ ޕޮއިންޓެއް ލިބިފައިވާ އިރު ނިއުރޭޑިއަންޓަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނުވެ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ. އެގޮތުން މި ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ.
މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ވިކްޓަރީއާއި ވީބީ ސްޕޯޓްސް ކްލަބެވެ. މެޗް ފެށުމަށް ހަމަޖަޖެހިފައި ވަނީ ހަވީރު 16:35 ގަ އެވެ.