02 Feb 2018, 13:45
ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އިހުތިރާމް ކުރާނެ ކަމަށާއި އަމުރުގެ ސައްހަކަން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި، ޖަލަށް ލެވިފައިވާ ސިޔާސީ ނުވަ ފަރާތެއް ވަގުތުން މިނިވަން ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ރޭ ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަވާލާދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، މިޚުޠޫރަތްތެރި ދަނޑިވަޅުގައި ކެތްތެރިކަމާއި ކިޔަމަންތެރިކަން އިސްކުރައްވައި، މި ވަގުތަކީ ޤައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ ހާލަތެއް ކުރިމަތިވެދާނެ ވަގުތަކަށްވާތީ ހުރިހާ ބޭފުޅުން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވުމަށް ސަރުކާރުން އެދިވަޑައިގަންނަވާ ކަމަށެވެ.
"ސުލްހައަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހުރިހާ ބޭފުޅުންވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކީގައި ކުރިއަށް އޮތް ވަގުތުތަކުގައި ސަލާމަތީ ބާރުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާ،" ރޭގެ ނޫސްވެރީންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.
ސަރުކާރުން އަބަދުވެސް ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރައްވާނެކަމަށްވެސް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.
ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ "ސުޕްރީމް ކޯޓުން ކުރި އަމުރެއް ކަމަށް ބެލެވޭ އަމުރެއް" މީޑިއާގެ ޒަރީއާއިން ލިބިފައިވާ ކަމަށެވެ. އަދި އެ އަމުރުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އަނިލް ވިދާޅުވި އެވެ.
"އެ އަމުރުގައި ހިމެނޭ ގިނަ ކަންތައްތަކަކީ ދައުލަތާ ގުޅުން ހުރި ކަންތައްތައް. ދައުލަތް ތަމްސީލު މިކުރަނީ ދައުލަތުގެ ބަންޑާރަ ނައިބު އޮފީހާއި ޕްރޮސެކިއުޓަރު ޖެނެރަލް. އެހެންނަމަވެސް އަޅުގަނޑުމެން ދެ މުއައްސަސާ ކުރެ އެއްވެސް މުއައްސަސާއަކަށް ރަސްމީ ސިފައެއްގައި އަދި ނުރަސްމީ ސިފައެއްގައި ވެސް ލިބިފައި ނުވަތީ އަޅުގަނޑުމެން މި އަމުރުގެ ސައްހަކަމާ މެދު އާއި އަދި އަމުރުގައިވާ ކަންތައްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓާ މަޝްވަރާކޮށް ތަފްސީލުތައް ހޯދުމުގެ މަސައްކަތް މިދަނީ ކުރިއަށް ގެންދަމުން،" އަނިލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅުން ހުރި މައުލޫމާތުތައް ހޯދުމުގައި އަދި ކާމިޔާބު ލިބިފައި ނުވާ ކަމަށް އަނިލް ވަނީ ވިދާޅުވެފައެވެ. އަދި އަމުރުގައި ހިމެނޭ ގާނޫނީ ނުކުތާތަކާ އެކީ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އަނިލް ވަނީ ވިދާޅުވެފައެވެ.
"މި އަމުރު އަޅުގަނޑުމެން ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ކުރިން، ސުޕްރީމް ކޯޓާއެކީ މަސައްކަތް ކުރެވޭތީ ނުވަތަ އެކަންކަން އެމީހުންގެ ކިބައިން ސާފު ކުރުމުގެ މަސައްކަތް [މި ކުރަނީ]." އަނިލް ވިދާޅުވި އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.