ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރަށް ޕްރެޝަރުތަކެއް ކުރިމަތި ވަމުންދާ މި ދަނޑިވަޅުގައި ރައީސް އަބްދުﷲ ޔާމީނާ އެކު ތިއްބެވި ކަމަށް ކެބިނެޓްގެ މިނިސްޓަރުންނާއި ޕީޕީއެމް އެމްޑީއޭގެ މަޖިލިސް މެމްބަރުން ވިދާޅުވާން ފަށައިފި އެވެ.

މެމްބަރުންނާ މިނިސްޓަރުން ސޯޝިއަލް މީޑިއާގައި އަދި އެކިއެކި މީޑިއާ ތަކުގައި ރައީސް ޔާމީނާ އެކު ތިއްބެވިކަން ވަނީ ހާމަ ކުރައްވައިފައެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ރާއްޖޭން ބޭރަށް ވަޑައިގެންފި ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން ދަނިކޮށް އާޒިމާ ވަނީ މިއަދު ހެނދުނު ޓްވީޓެއް ކުރައްވައިފައެވެ. ވިދާޅުވެފައިވަނީ ފިލައިގެން ދިއުމުގެ އެއްވެސް ޕްލޭނެއް ނުގެންގުޅުއްވާ ކަމަށެވެ.

" މިހުރީ ގޭގައި. ސާބިތުވެ ހުރީ ރައީސް ޔާމީން ފަހަތްޕުޅުގައި،" އާޒިމާގެ ޓްވީޓުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ޓްވީޓް ކުރައްވާ ރައީސް ޔާމީނަ އެކު ސާބިތުކަމާއެކު ތިއްބެވިކަން ހާމަ ކުރައްވައިފައެވެ.

ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ބަޣާވާތެއް ނުހިންގޭނެ ކަމަށެވެ. އަދި މިއީ ހިތްވަރު ކުރަންވީ ވަގުތު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ކެބިނެޓް އޮތީ ރައީސް ޔާމީނާ އެކު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެމްޑީއޭ އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ރައީސް ޔާމީނާ އެކު ތިއްބެވި ކަމަށް ވިދާޅުވެ ވަނީ ޓްވީޓް ކުރައްވައިފައެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޕީޕީއެމް އެމްޑީއޭގެ ޕީޖީ ގުރޫޕު އޮތީ ސާބިތު ކަމާއެކު ކަމަށެވެ.

" ރައީސް ޔާމީނުގެ ގާނޫނީ ސަރުކާރާއެކު. ވެރިކަން ދެމެހެއްޓުމުގައި ކަމަރު ބަނދެގެން،" ނިހާން ކުރއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވަނީ ސިޔާސީ ގޮތުން ޖަލަށް ލެވިފައި ތިބި ނުވަ މީހަކު ވަގުތުން މިނިވަން ކުރުމަށެވެ. ނަމަވެސް އަދި އެއްވެސް ސިޔާސީ ފަރާތެއް މިނިވަން ކޮށްފައެއް ނުވެއެވެ.

ސަރުކާރުން ބުނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.