މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ) އެންމެ ފަހުން ތައްޔާރުކުރި ދެ ފިލްމު ކަމަށްވާ "4426" އާއި "ބޮސް"ގެ އިތުރު ޝޯތަކެއް ދައްކަން ނިންމައިފިއެވެ.

މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" (ފޯފޯޓޫސިކްސް) އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.

ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމް "4426"ގެ ތަރީންގެ ތެރޭގައި، މަރިޔަމް އައްޒައާއި ޖުމައްޔިލް ނިމާލް، މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، ފަދަ ތަރިން ހިމެނެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި "4426" އެންމެ ފަހުން އޮލިމްޕަހުގައި ދައްކާފައި ވަނީ، މިދިޔަ އަހަރު ޖުލައި މަހު 7 ވަނަ ދުވަހުގެ ރޭ، ދިވެހި ފިލްމީ ދާއިރާއަށް ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ، "ބޮސް" ލޯންޗުކުރުމަށް ބޭއްވި ހަފްލާގައެވެ.

ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

ނަހޫ ބުނީ، އަދިވެސް މި ދެފިލްމު ބަލަން ބޭނުންވާ ގިނަ ފަރާތްތަކެއް ތިބުމާއެކު، އެ ފުރުސަތު ދިނުމަށް ނިންމީ ކަމަށެވެ.

އެގޮތުން، ބޮސްގެ ދެ ޝޯއާއި 4426ގެ އެއް ޝޯ އަންނަ މާޗުމަހު ދެއްކުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބޮސްގެ އެއްޝޯ ދައްކާނީ މާޗް އެކެއްގައި، އަދި އަނެއް ޝޯ ދައްކާނީ މާޗް ތިނެއްގައި. 4426 ދައްކާނީ މާޗް ދޭއްގައި،" ނަހޫ ބުންޏެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާ އެއް ފިލްމުކަމަށްވާބޮސް، އަދި 4426ގެ އޮންލައިން ބުކިންހެދުމުގެ ފުރުސަތު ފެބްރުއަރީ ފަސް ވަނަ ދުވަހު ހުޅުވާލާނޭ ކަމަށް ނަހޫ ބުންޏެވެ.