ދަރިންނަކީ ނިއުމަތެއް ކަމަށާއި އެ ކުދިންނަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުން ރިޒްގު ތަނަވަސްވެ، ރަހްމަތް ބާވާލައްވައި ސަވާބާއި ދަރުމަ އިތުރުވެގެންދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، ދަރިންނަކީ ހިތުގެ ފިނިކަން ކަމަށާއި އެކުދިން ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަ ނުކުރުމަށެވެ.

ދަރިންނަށް އަދާ ކުރަން ޖެހޭ ހައްގުތައް އަދާ ކުރަން ޖެހޭނެ ކަމަށާއި އަދާކުރަން ޖެހޭ ހައްގުތައް އަދާ ކުރުމަށް ފަސްޖެހިގެން ނުވާނެ ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ، އެ ކުދިންނަކީ އަޅުގަނޑުމެން ދެއްކި މިސްރާބަކުން ދަތުރުކުރާ ނަވެއްގައި ތިބި ބައެއް ފަދަ ބައެއް ކަމަށާއި އެ ކުދިންނަށް ހެޔޮ މަހު ދައްކައިދޭން ޖެހޭނެ ކަމަށެވެ.

ދެމަފިރިން ވަކި ވުމުގެ ސަބަބުން ކުދިންނަށް ލިބޭ ގޯނާތައް ނުހުއްޓޭ ކަމަށާއި ދެމަފިރިން ވަކި ވުމުގެ ސަބަބުން ދަރިންނަށް އަޅައިނުލުމުގެ އިތުރަށް އެ ކުދިންނަށް ހަރަދު ނުދިނުމުގެ މައްސަލަ އުފެދޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ކުއްޖާ ކުރާ ކުށްތައް ރަނގަޅު ކުރުވަން ޖެހޭނެކަމަށާއި އެކަން ކުރަން ވާނީ ބިނާކުރަނިވި ވަސީލަތްތަކުން ކަމަށެވެ.