02 Feb 2018, 12:02
ޑާކްރެއިން އެންޓަޓެއިންމަންޓުން، އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ގޮށްރާޅު"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ސަލްސާ ރޯޔަލް ރެސްޓޯރަންޓްގައި ރޭ ބޭއްވި ހަފްލާގައި އެ ޕޯސްޓަރު ދައްކާލައިފައިވަނީ ފިލްމުގެ ބައެއް ތަރިންނެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ ފިލްމުގެ 75 އިންސައްތައިގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ފިލްމުގެ ފަހުގެ މަރުހަލާގެ މަސައްކަތްކަމަށެވެ.
މޫމިން ފުއާދުގެ ވާހަކައަކަށް ތައްޔާރު ކުރާ އެ ފިލްމަކީ އެ ޓީމުން ތައްޔާރު ކުރާ އެންމެ ތަފާތު ފިލްމު ކަމަށް އެ ޓީމުން ބުންޏެވެ.
"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،" ފިލްމުގެ ސޯލޯ ޑައިރެކްޓަރު އަހްމަދު ޝިނާން ބުންޏެވެ.
ފިލްމުގެ މާބޮޑު މައުލޫމާތެއް ރޭ ހިއްސާކޮށްފައި ނުވާއިރު އެ ޓީމުން ބުނީ ވަރަށް އަވަހަށް ފިލްމާ ބެހޭ އިތުރު ތަފްސީލް ނޫސްވެރިންނާ ހިއްސާކުރާނެ ކަމަށެވެ.
"ގޮށްރާޅު"ގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
ފިލްމުގެ ޓީޒާ އަވަސް މުސްތަގްބަލެއްގައި ބެލުންތެރިންނާ ހިއްސާ ކުރާނެ ކަމަށް އެ ޓީމުން ބުންޏެވެ.