ސުޕްރީމް ކޯޓުން ރޭ ނެރުނު ކޯޓު އަމުރު ލިބިފައިވާ ކަމަށާއި އެ އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ރޭ ކުރި އަމުރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ ބޭފުޅަކު ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް މިނިވަން ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖަލު ހުކުމް އައި ސިޔާސީ ބޭފުޅުންގެ ތެރެއިން ނަޝީދާއި ގާސިމް މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ. ދެން ތިއްބެވި ބޭފުޅުން ތިއްބެވީ އެކި މައްސަލަތަކާ ގުޅިގެން ދިގު ޖަލު ހުކުމްތައް ތަންފީޒު ކުރަން ޖަލުގަ އެވެ.

އެ ބޭފުޅުން މިނިވަންކުރަން އަމުރުކުރީ އެ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، އެއީ އަލުން ގޮތެއް ނިންމަން ޖެހޭ ކަންތައްތަކަށް ވާތީ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ. އެ ބޭފުޅުން މިނިވަންކުރީ އެ މައްސަލަތަކާ މެދު އަލުން ގޮތެއް ނިންމަންދެނެވެ.

ސުޕްރީމް ކޯޓުން ވަނީ ރޭ ނެރުނު އަމުރާ އެއްގޮތަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށާއި އެކަމަށް ހުރަސް އަޅައި ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ ކޮންމެ މައްސަލައެއް ވަކިވަކިން ބަލައި، ޝަރީއަތަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލަށް އަންގައި އަމުރުކޮށްފައެވެ.