02 Feb 2018, 05:28
ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް އަމުރުކޮށް، ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް ވަގުތުން ވަގުތަށް އަމަލުކުރަން ފަށާފައި ނުވާތީ، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ މައްސަލައެއް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް މިރޭ ހުށަހަޅައިފިއެވެ.
ސުޕްރީމް ކޯޓުން ރޭ ކުރި އަމުރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ ފަރާތެއް ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް މިރޭ 2:45 ހާއިރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުކުރުމާ މެދު ގޮތެއް ނިންމާނީ އެ ދިރާސާ ކުރުމަށްފަހު ކަމުގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވި ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ، ސުޕްރީމް ކޯޓުގެ އަމުރުގައި، އެ އަމުރާ އެއްގޮތަށް އަމަލުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްފައި ވަނިކޮށް، އެ އަމުރަށް ވަގުތުން ވަގުތަށް ތަބާ ނުވެ، ކޯޓު އަމުރު ތަންފީޒުކުރުމަށް ބަންޑާރަ ނައިބު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
"އަމުރު ތަންފީޒުކުރުމަށް ބަންޑާރަ ނައިބު އަނިލް ހުރަސް އަޅާފައިވާތީ، ގަވައިދުން އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ވަރަށް އަދަބުވެރިކަމާ އެކު އެދި ދެންނެވީމެވެ،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ސޮއިކުރައްވައި، ސުޕްރީމް ކޯޓަށް މިރޭ ހުށަހެޅުއްވި ސިޓީގައި ވެއެވެ.
ސަރުކާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަނިލް ވިދާޅުވީ އަމުރުގައި ހިމެނޭ ގާނޫނީ ނުކުތާތަކާ އެކީ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
"މި އަމުރު އަޅުގަނޑުމެން ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ކުރިން. ސުޕްރީމް ކޯޓާ އެކީ މަސައްކަތް ކުރެވޭތީ ނުވަތަ އެކަންކަން އެމީހުންގެ ކިބައިން ސާފު ކުރުމުގެ މަސައްކަތް މި ކުރަނީ،" އަނިލް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ދައުލަތް ތަމްސީލުކުރަނީ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ވީ ނަމަވެސް، އެ އަމުރު އެއިން އެއްވެސް މުއައްސަސާއަކަށް ރަސްމީ އަދި ނުރަސްމީ ސިފައެއްގައިވެސް ލިބިފައި ނުވާ ކަމަށެވެ.