02 Feb 2018, 03:34
ސުޕްރީމް ކޯޓުން ރޭ ނެރުނު ކޯޓު އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިފައިވާ ކަމަށެވެ.
"ހަމަ އެއާ އެކު ކޯޓު އަމުރު ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފުލުހުން މިދަނީ ގާނޫނީ ލަފާގެ މަތިން މަސައްކަތް ކުރަމުން،" ނަވާޒް ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ ރާއްޖެއާ، ޚާއްސަކޮށް މާލޭގެ އަމަން އަމާންކަން ބެލެހެއްޓުމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދޭ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ކަނޑައަޅައި، އަދި ހައްޔަރުގައި ް އަމުރުކުރާ ކަމަށެވެ.
އެ އަމުރު ރޭ ނެރުނު އިރު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު އަރީފު ރޭ ވަނީ މަގާމުން ވަކި ވެސް ކޮށްފައެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ރޭ ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަރީފު ރޭ ވަކި ކުރީ، ސުޕްރީމް ކޯޓުގެ އަމުރު ނެރެފައި ވަނިކޮށް، އަރީފުއާ ގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ، ރައީސްއަށް ލިބޭ ބާރުގެ ދަށުންނާއި، ފުލުހުންގެ ގާނޫނުގެ ދަށުން ކަމަށެވެ.
އަރީފް މަގާމުން ވަކިކުރުމާ އެކު، އެކްޓިންގް ކޮމިޝަނަރެއްގެ ގޮތުގައި ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއެވެ.
ސުޕްރީމްި ކޯޓުގެ އަމުރުގައި ފަހަގަކޮށްފައިވާ ސިޔާސީ ބޭފުޅުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހުންނެވީ ފުލުހުންގެ ބަންދުގައެވެ.