02 Feb 2018, 02:27
ގާނޫނީ ގޮތުން މައްސަލައެއް ބެލުމަށްޓަކައި އެ މައްސަލައިގައި ހިމެނޭ ދެފަރާތުގެ ވެސް އަޑު އަހަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ކަނޑައަޅައި، އަދި ހައްޔަރުގައި ް އަމުރުކޮށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމާ އެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި އުފާ ފާޅުކުރަމުންނެވެ.
ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި، ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ ސުޕްރީމް ކޯޓުން އެ ހުކުމް ނެރުނީ ދައުލަތުގެ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް އެނގުމަކާ ނުލައި ކަމަށެވެ.
ޝައިނީ ވިދާޅުވީ އެ ހުކުމާ ގުޅިގެން ގައުމު އޮތީ ނުތަނަވަސް ސިފައެއްގައި ކަމަށާއި، އެއީ "ޒިންމާދާރުކަމާ އެކު އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން" ކަމަށެވެ.
"ބަންޑާރަނައިބާ ޕީޖީއަށް ވެސް އެނގުމަކާ ނުލައި ކުއްލިއަކަށް އިވިގެން އުޅޭ ހުކުމެއްގެ ސަބަބުން މުޅި ގައުމު މިހާރު އޮތީ ވަރަށް ނުތަނަވަސް ސިފައެއްގައި. މިއީ ޒިންމާދާރުކަމާ އެކު އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރަން،" ޑރ. ޝައިނީ ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކާ ސަރުކާރާ ދެމެދު ބާއްވަން މަސައްކަތް ކުރި މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ޝައިނީ ވިދާޅުވީ، މައްސަލަތަކެއް ހުރި ނަމަ އެކަންކަން ހައްލުކުރުމަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުން އިދިކޮޅުން އެ ފުރުސަތު ބޭނުން ނުވި ކަމަށެވެ.
"ސަރުކާރުން ނުކުރެވޭނެއޭ ބުނި ހުރިހާ ކަމެއް ކޮންދިޝަންސްގެ ގޮތުގައި ޑިމާންޑް ކުރީމާ ދޫ ދެމުން ދިޔުމުންވެސް މަޝްވަރާގެ މޭޒު ކައިރިއަށް ނާދެވުނު،" އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާޑު ވިދާޅުވަމުން ޝައިނީ މިރޭ ވިދާޅުވިއެވެ.