ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން ނުނީ އެއްވެސް ކޯޓަކަށް ފަނޑިޔާރުން އައްޔަން ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ރާއްޖޭގެ މިނިވަން މުސްތަގިއްލު ފަނޑިޔާރުގެއަށް ފަނޑިޔާރުން އައްޔަންކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް އިސްވެ ހަމަޖައްސައި ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަކީ އެއްވެސް ފަރާތެއްގެ ފިއްތުމަކާނުލައި އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ހަމައެކަނި އެކޯޓުން އަމަލުކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަންކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސޯސެއް ނުވަތަ ބާރެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.