18 Aug 2011, 12:22
ހއ. ދިއްދޫ ރަށު ކައުންސިލް އިދާރާ އާއި ހއ. އަތޮޅު ކައުންސިލް އިދާރާގެ ނަން ބޯޑް ހަދައިދިން ފަރާތަށް މަސައްކަތުގެ އުޖޫރަ ނުދީގެން ދެ އިދާރާގެ ނަން ބޯޑު އިއްޔެ ނައްޓާލައިފި އެވެ.
ދިއްދޫ ރަށު ކައުންސިލް އިދާރާ އާއި ހއ. އަތޮޅު ކައުންސިލް އިދާރާގެ ނަން ބޯޑު ނައްޓާލައިފައި ވަނީ، އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އިއްޔެ ހަވީރު 5:30 އެހާކަންހާއިރު އެވެ. އަދި ފައިސާ ނުދެނީސް، ކައުންސިލްގެ އިދާރާގެ ނަން ބޯޑު ނުދޭނެ ކަމަށް ބޯޑުތައް ނައްޓާލި މީހާ ބުނި ކަމަށް ސަންއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް އެ ރަށު ބަޔަކު އޭނާއަށް ފައިސާ ދިނުމުން ބޯޑުތައް ވަނީ އިއްޔެ ހަރުކޮށްދީފަ އެވެ. އެ ދެ ބޯޑުގެ އަގަކީ 1700ރ. ކަމަށް އެނގިފައިވެ އެވެ.
ހއ. އަތޮޅު ކައުންސިލް އިދާރާ އިން ބުނީ އެ އިދާރާގެ ނަން ބޯޑު ނައްޓާލި ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި ދިއްދޫ ރަށު ކައުންސިލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މަސައްކަތުގެ އުޖޫރަ ނުދީގެން ހއ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ރަށު ކައުންސިލް އިދާރާގެ ނަން ބޯޑު އިއްޔެ ނައްޓާލާފައި ވާއިރު، ބަޔަކު ހިތްހަމަ ނުޖެހިގެން މި އަހަރު އެޕްރީލް މަހު ވަނީ ދިއްދޫ ރަށު ކައުންސިލް އިދާރާގެ ކުރިމައްޗަށް ޑިންގީއެއް ވެސް އެހެލައިފި އެވެ. އަދި އެ ޑިންގީ ކައުންސިލް އިދާރާގެ ކުރިމައްޗަށް އެހެލީ އޮޑިދޯނިފަހަރު ރަޖިސްޓްރީ ކުރަން ރަށު ކައުންސިލުން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި ފެބްރުއަރީ 12، 2006 ގައި އެ ރަށުގެ މަސްވެރިން ވަނީ ދެ ޓަނުގެ މަސް ރަށު އޮފީހަށް އަޅައިފަ އެވެ. އެފަހަރު މަސްތައް އަޅައިލީ ބާނާ މަސް ބޯޓަށް ކިރޭ ގޮތް ނުވާތީ އެ މައްސަލަ ހައްލު ނުކުރުމުންނެވެ.