25 May 2010, 05:19
12:30
ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ސަރުކާރުގެ އެއްވެސް ބޭފުޅަކު ހާޒިރުވެވަޑައިނުގެންނެވުމުން މިއަދުވެސް އެ ކޮމިޓީގެ މަސައްކަތް ހުއްޓުމަށް އަތުވެއްޖެ އެވެ.
ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މިއަދު ހެނދުނު 11.15 އަށް ހާޒިރުވުމަށް ދަންނަވާފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކެޓްރީ އައިޝަތު ލިއުޝާ ޒާހިރަށެވެ. އަދި 11.45 އަށް ހާޒިރުވުމަށް ދަންނަވާފައި ވަނީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށެވެ. އަދި 12.15 އަށް ދަންނަވާފައި ވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމަށެވެ.
މިހަތަރު ބޭފުޅުން އިއްޔެ އޮތް އެކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވުމުން އެބޭފުޅުންނަށް ވަނީ މިއަދު އެ ކޮމިޓީއަށް ހާޒިރުވުމަށް މަޖިލީހުން އަމުރެއް ފޮނުއްވާފަ އެވެ. ނަމަވެސް މިއަދުވެސް އެއިން އެއްވެސް ބޭފުޅަކު ހާޒިރުވެވަޑައިގެންފައެއްނުވެ އެވެ.
ސަންއެފްއެމްގެ ބްރޭކިންގ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ އޮޕް އިމިގްރޭޝަން މިއަދު ވިދާޅުވީ އެކޮމިޓީއަށް ހާޒިރުވުމަށް ފޮނުވާފައި ވަނީ އަމުރެއް ކަމާމެދު ސުވާލު އުފެދޭ ކަމަށާއި އަމުރަކީ މަތިން ތިރިއަށް އަންނަ އެއްޗެއް ކަމަށްވާއިރު އެއަމުރު ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް ކައުންސިލްގެ މަޤާމުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. ހަމައެފަދައިން ޑރ. ޝަޙީދުވެސް ވިދާޅުވީ އަމުރެއް ފޮނުވާފައިވާ ކަމަށް ޤަބޫލް ނުކުރެއްވޭ ކަމަށާއި އަދި އޭގައިވާ ސޮއި އާ މެދުވެސް ސުވާލު އުފެދޭތީ އެކަންތައް ރަނގަޅަށް އޮޅުންފިލުވުމަށް ފަހު ނޫނީ ވަޑައިނުގެންނަވާނެ ކަމަށެވެ. އަދި އެ މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ވަޑައިނުގެންނަވާނެ ކަމަސްވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.