ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަހުމަދު އަރީފު ވަކިކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން ބަންޑާރަ ކޮށީގައި ދިވެހި ދައުލަތުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް ގުޅުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ކަމަށެވެ.

އެހެން ނަމަވެސް އެއްވެސް ރައީސްއާ އެއްވެސް ގުޅުމެއް ބޭއްވިފައި ނެތުމުން، ފުލުުހުންގެ ގާނޫނުގެ ދަށުންނާއި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން މިރޭ އަރީފް ވަކިކޮށްފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ މިވަގުތު އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސްއެއްގެ ގޮތުގައި، ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ ކަމަށެވެ.

ރައީސް އޮފީހުގެ ތަރިޖަމާނު އިބްރާހިމް މުއާޒް އަލީވެސް މިރޭ ވަނީ ޓްވީޓު ކުރައްވައި، މިކަންކަން ހާމަ ކުރައްވައިފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަރީފް އައްޔަން ކުރެއްވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ތަހުގީގު ކުރުމުގެ ތެރޭގައި، ކުރިން ކުރިން އެ މަގާމުގައި ހުންނެވި ޙުސައިން ވަޙީދު ވަކި ކުރެއްވުމުންނެވެ.

ވަހީދު ސީޕީގެ މަގާމުން ވަކިކުރެއްވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އެ ދުވަހު އަރީފް ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެވަޑައިގަތް، ފުލުހުންގެ އިދާރާ ހިންގަން ފައްޓަވައިފަ އެވެ. ނަމަވެސް ސީޕީގެ މަގާމަށް އަރީފް ރަސްމީކޮށް އައްޔަންކުރައްވައި އެކަމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީން ދެއްވީ ޑިސެމްބަރު، 3، 2015 ވަނަ ދުވަހުއެވެ.

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި އަރީފް އަކީ ފުލުހުންގެ އިސް ވަޒީފާތަކެއް ވެސް ފުރުއްވާފައި ހުންނެވި ބޭފުޅެކެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތްކުރައްވައިފައެވެ.