02 Feb 2018, 13:50
ރެއާލް މެޑްރިޑަށް މި ސީޒަންގައި އަދި ގޮތް ހުސްނުވާ ކަމަށާއި، ޗެމްޕިއަންސް ލީގުގައި ޒައިނުއްދީން ޒިދާން ދައްކާ ޖާދޫ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
ޒިދާންއާއެކު ރެއާލްއިންވަނީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަންސްލީގު ކާމިޔާބު ކޮށްފައެވެ. އަދި އެއް އަހަރު ލީގުވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް މި ސީޒަންގައި ރެއާލްގެ ފަރާތުން އެ ކުޅުން އަދި ފެނިފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރި ނަމަވެސް ލީގުގައި މިވަގުތު އެޓީމު އޮތީ ހަތަރުވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ބާސެލޯނާއާ 19 ޕޮއިންޓްގެ ފަރަގެއްގައެވެ. މީގެ އިތުރުންވެސް މި ސީޒަންގެ ކޮޕާ ޑެލްރޭއިންވެސް ރެއާލްވަނީ ކަޓައިފައެވެ.
ކާލޯ އެންޗެލޯޓީ ބުނެފައިވަނީ ލީގުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ޒިދާންއާއެކު ރެއާލްއިން ޗެމްޕިއަންސް ލީގުގައި ދައްކަމުންދަނީ ވަރުގަދަ ކުޅުމެއް ކަމަށެވެ. އަދި ރެއާލަށް ލިބޭނެ އެންމެ ބޮޑު ނަސީބަކީ އެޓީމުގައި އެއްވެސް ގޮތަކަށް ބަލިވާން ބޭނުންނުވާ ކުޅުންތެރިއެއް ހުރުން ކަމަށާއި، އެ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ.
ރެއާލްއިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އޮންނައިރު، އެންޗެލޯޓީ ބުނީ ރެއާލަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ ޕީއެސްޖީ ކަމަށެވެ. އަދި ޕީއެސްޖީ ބަލިކުރެވިއްޖެނަމަ ރެއާލަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލެވުން ގާތްކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.
އެންޗެލޯޓީ ވަނީ ޕީއެސްޖީގެ ކުޅުމަށްވެސް ތައުރީފްކޮށްފައެވެ. އޭނާ ބުނެފައިވަނީ ޕީއެސްޖީގައި ނޭމާ އަދި އެމްބާޕޭ ފަދަ ކުޅުންތެރިން އެބަ ތިބިކަމަށާއި، އެޓީމަށް ޗެމްޕިއަންސް ލީގު ނެގިދާނެ ކަމަށެވެ.
މީގެކުރިން ކޯޗެއްގެ ގޮތުގައި ތިން ފަހަރުމަތިން ޗެމްޕިއަންސް ލީގު އުފުލާލާފައިވާ އެންޗެލޯޓީ މިވަގުތު ހުރީ އެއްވެސް ޓީމެއްގެ މެނޭޖަރުގެ މަގާމުގައެއް ނޫނެވެ. އޭނާ އެންމެފަހުން ފެނިފައިވަނީ ބަޔާންގެ ކޯޗު ކަމުންނެވެ. އެންޗެލޯޓީވަނީ އޭނާގެ އިރުޝާދުގެ ދަށުން އޭސީ މިލާނާއެކު ދެ ފަހަރަށް ޗެމްޕިއަންސް ލީީގު އުފުލާލާފައެވެ. އަދި 2013 ވަނަ އަހަރު އޭނާވަނީ ރެއާލްއާއެކުވެސް ޗެމްޕިއަންސް ލީގު އުފުލާލާފައެވެ.